ބަންޑާރަ ކިޅީގައި ހަދާފައިވާ ބޯޑްވޯކަށް ގެއްލުންދީފައި.
ފުވައްމުލައް ސިޓީ ކައުންސިލް📷
ފުވައްމުލަކުގައި ހަދާފައިވާ ހަޓުތަކަށް ބޮޑެތި ގެއްލުންތައް ދީ ހަލާކުކުރާ މައްސަލަ ބޮޑުވެއްޖެ އެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން މިއަދު ބުނީ މިރަށުގައި ހަދާފައިވާ ބޯޑްވޯކްތަކަކީ ގުދުރަތީ ވެށީގެ ހިތްގައިމުކަން ދެކިލުމަށާއި ފޮޓޯނެގުމަށް ގިނަ އަދަދެއްގެ ދިވެހިންނާއި ބޭރު މީހުން ޒިޔާރަތްކުރާ ތަނެއް ކަމަށެވެ. ނަމަވެސް އެކި ދުވަސްމަތިން ބައެއް މީހުން މިތަންތަނަށް ތަކުރާރުކޮށް ގެއްލުން ދެމުންދާކަން ހިތާމަޔާއެކު ފާހަގަކުރާ ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެ އެވެ.
ސިޓީ ކައުންސިލުން ވަނީ ބަންޑާރަ ކިޅި ބޯޑްވޯކަށް ދީފައިވާ ގެއްލުންތައް ދައްކުވައިދޭ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާއްމުކޮށްފަ އެވެ. އެ ފޮޓޯތަކުން ބަންޑާރަ ކިޅި ބޯޑްވޯކްގެ ހަޓްގެ ރެއިލިންތައް ހަލާކުކޮށް، ރެއިލިންތައް ޗަސްބިން ތެރެއަށް އުކާލާފައިވާ ފެނެ އެވެ.
ސިޓީ ކައުންސިލުން ބުނީ އޭގެ އިތުރުން އެތައް ފަހަރެއްގެ މަތިން އެ ބޯޑްވޯކްގެ ރެއިލިންގތަކުގެ ކެޕްތައް ނައްޓާލައި ވިނަގަނޑު ތެރެއަށް އުކާލުމާއި ކަނޑާ ނަގައި، ދެލި އަދި ދަވާދު ފަދަ ތަކެތިން ކުރަހައި ލިޔެ ގެއްލުން ދީފައިވާ ކަމަށެވެ.
"ހަލާކުކޮށްފައިވާ މިންވަރުންނާއި، ރެއިލިންއަށް ބޭނުން ކުރާ މެޓީރިއަލްއަކީ ހޯދަން ދަތި އަދި އެހާމެ އަގުބޮޑު މެޓީރިއަލްއަކަށް ވާތީ، މިތަންތަން މަރާމާތުކުރުމަކީ އުނދަގޫ އަދި އެހާމެ ޚަރަދު ބޮޑު މަސައްކަތެއް. އަޅުގަނޑުމެންގެ އިލްތިމާސަކީ މިތަންތަން ބޭނުން ކުރާ އެންމެންވެސް މިތަނަށް ގެއްލުން ނުލިބޭނޭ ގޮތަށް އަމަލުތައް ބަހައްޓާ، އަދި އެއްވެސް މީހަކު ބޯޑްވޯކަށް ގެއްލުންދޭތަން ފެނުނުނަމަ ވީހާވެސް އަވަހަކަށް އެކަން އަޅުގަނޑުމެންނަށް ރިޕޯޓުކޮށްދިނުން،" ސިޓީ ކައުންސިލުން ބުންޏެވެ.
ސިޓީ ކައުންސިލުން ބުނީ އެ ހަޓުތަކަކީ ގުދުރަތީ ވެށީގެ ހިތްގައިމުކަން ބަލާލުމަށް ހެދިފައިވާ ތަންތަން ކަމަށެވެ.
"އަޅުގަނޑުމެންގެ ދަރިންނާއި ދަރިންގެ ދަރިންނަށް މިތަންތަނުގެ ހިތްގައިމުކަން ލިބޭނޭ މަގު ފަހިކޮށްދިނުމަކީ އަޅުގަނޑުމެންގެ ބޮލުގައި އެޅިފައިވާ ޒިންމާއެއް. މިއީ އަޅުގަނޑުމެން އެންމެންގެ ވެސް ތަނެއް،" ސިޓީ ކައުންސިލުން ބުންޏެވެ.
މި ލިޔުމަށް އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓު ލިޔުއްވާ!