މިހާރު ކުރަމުންދާ ވިއްސާރާގައި ފުވައްމުލަކު ދިގުވާނޑު އަވަށު ގެއެއްގެ މަގު ފާރު ވެއްޓުމުން މަގު ސާފުކުރުމުގެ މަސައްކަތް ކުރަނީ.
📷ފުވައްމުލައް ސިޓީ ކައުންސިލް
މިހާރު ކުރަމުންދާ ވިއްސާރާގައި ފުވައްމުލަކު ދިގުވާނޑު އަވަށު ގެއެއްގެ މަގު ފާރު ވެއްޓުމުން މަގު ސާފުކުރުމުގެ މަސައްކަތް ކުރަނީ.
ފުވައްމުލައް ސިޓީ ކައުންސިލް📷
ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރާގައި ފުވައްމުލަކަށް އެކިވަރުގެ ގެއްލުންތަކެއް ލިބިއްޖެ އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ވަނީ ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ތ. އަތޮޅުން ފެށިގެ އައްޑު އަތޮޅާ ހަމައަށް ވައިޓް އެލާޓް ނެރެފަ އެވެ.
މެޓް އޮފީހުން މިއަދު ނެރުނު ވައިޓް އެލާޓްގައި ބުނެފައި ވަނީ މި ސަރަހައްދަށް މިއަދު ހެނދުނު 10:00 އިން ފެށިގެން 16:00 އާއި ހަމައަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައު ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން ބުނީ މި ރަށަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހި ރަށުގެ އެކި ސަރަހައްދުތަކާއި ގޭގެއަށް އެކިވަރުގެ ގެއްލުންތައް ލިބެމުންދާ ކަމަށެވެ. އަދި ވައިގަދަވުމުގެ ސަބަބުން ވެއްޓިފައިވާ ގަސްތައް ނަގައި، މަގުތައް ސާފުކުރުމުގެ މަސައްކަތުގައި ސިޓީ ކައުންސިލް، ސިޓީސް މިނިސްޓްރީ އަދި އެމްޓީސީސީގެ މުވައްޒަފުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.
ސިޓީ ކައުންސިލްގެ އޮފިޝަލަކު "އަފުން ނިއުސް"އަށް ވިދާޅުވީ މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން 5 ރިޕޯޓެއް ލިބިފައިވާ ކަމަށެވެ. މީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ވައި ގަދަވުމުގެ ސަބަބުން ގަސްތައް ވެއްޓުމާއި ފުރާޅުން ޓިނު އެއްލާލުމުގެ ހާދިސާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިފަހަކަށް އައިސް ރަށު ތެރޭގައި ފެންބޮޑުވުމުގެ ހާދިސާތައް ދިމާވާ މިންވަރު ވަރަށް މަދު. ކައުންސިލާއި އެމްޓީސީސީ ގުޅިގެން އެކަމަށް ވަރަށް ބޮޑަށް ބަލަމުން ގެންދަން،" އެ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު ކުރަމުންދާ ވިއްސާރާގައި ދޫނޑިގަމު އަވަށު ގެއެއްގެ ފުރާޅު މައްޗަށް ބަނބުކެޔޮ ގަހެއް ވެއްޓުމުގެ ހާދިސާއަކާއި ދިގުވާނޑު އަވަށު ގެއެއްގެ މަގު ފާރު ވެއްޓުމުގެ ހާދިސާ ކައުންސިލަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި ލިޔުމަށް އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓު ލިޔުއްވާ!