ހަވާސް ބޯޓު ރަށަށް ގެނެސް މުދާ ހުސްކުރުމުގެ މަސައްކަތް ކުރަނީ.
ނިއުސް ޓީމް📷
ފުވައްމުލަކަށް މުދާ ހިފައިގެން ދަތުރުކުރާ ހަވާސް ބޯޓު ރަށަށް އަންނަނިކޮށް ރާޅެއް ޖަހައި ދިޔަވަނިކޮށް ސަލާމަތްކޮށްފި އެވެ.
"އަފުން ނިއުސް"އަށް އެނގިފައިވާ ގޮތުގައި އެ ބޯޓަށް ރާޅެއް ޖަހައި ދިޔަވާން ފެށީ ރަށާ ގާތްގަނޑަކަށް ހަތަރު މޭލުގައި އޮތްވައި މެންދުރު 12:30 ހާއިރު އެވެ.
ގިނަ އަދަދެއްގެ މުދާ ހިފައިގެން އަންނަނިކޮށް އެ ބޯޓު ދިޔަވާން ފެށުމުން އެމްއެންޑީއެފް އާއި ފުލުހުން ގުޅިގެން ދިޔަ ހިއްކުމަށްފަހު ބޯޓު މިއަދު މެންދުރު ފަހު ވަގުތެއްގައި ވަނީ ބަނދަރަށް ގެނެސްފަ އެވެ. އަދި ބޯޓުގައި ހުރި މުދާ ހުސްކުރުމުގެ މަސައްކަތް ބޯޓުގެ ވެރިފަރާތުން އަންނަނީ ކުރަމުންނެވެ.
މިކަމާ ބެހޭ ގޮތުން އެމްއެންޑީއެފް އިން ބުނީ ފުވައްމުލަކުގެ އުތުރުން 4 މޭލު ބޭރުން ދަތުރު ކުރަމުން ދަނިކޮށް އެ ބޯޓު ދިޔަވަމުން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން އެހީތެރިކަން ފޯރުކޮށް ދީފައިވާ ކަމަށެވެ.
އެމްއެެންޑީއެފް އިން ބުނީ "ހަވާސް" ބޯޓު ދިޔަވާކަމުގެ މައުލޫމާތު މިއަދު 12:23 ގައި ލިބުމާ އެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިންނާއި، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ފަޔަ ސްޓޭޝަނުގެ ފަޔަ ފައިޓަރުންގެ އިތުރުން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ޕޯސްޓުގެ ސިފައިން ވަނީ ޕަންޕާ އެކު އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދިން ކަމަށެވެ. އެގޮތުން އެ ބޯޓު މިރަށު ބަނދަރަށް ވަނުމުން މިއަދު 1:10 ގައި ދިޔަ ހިއްކުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.
އެމްއެންޑީއެފް އިން ބުނީ ބޯޓުގައި ބޮޑުވި ދިޔަގަނޑު އެއްކޮށް ހިއްކައި ނިމުނީ މިއަދު 2:10 ގައި ކަމަށެވެ.
ބަނދަރު ސަރަހައްދުގައި ހުރި މީހަކު ބުނީ ބޯޓަށް ރާޅެއް ޖަހައި ދިޔަވާން ފެށުމުން ބޯޓުގެ ހުރި ޕަންޕުން ދިޔަ ހިއްކޭ ގޮތް ނުވުމުން އެމްއެންޑީއެފްގެ އެހީތެރިކަމަށް އެދުނީ ކަމަށެވެ. އަދި ސިފައިންނާއި ފުލުހުން ގޮސް ދިޔަ ހިއްކައިގެން ބޯޓު ގެނެސް ބަނދަރަށް ވެއްދީ ކަމަށް އެ މީހާ ބުންޏެވެ.
Furathama comment ah vaan beynun vegen