ފުވައްމުލަކު ސިޓީ ކައުންސިލުން ސަރުކާރަށް އެއްބާރުލުން ނުދޭ ވާހަކަ އާއި ސަރުކާރުން ހިންގާ މަޝްރޫއުތަކަށް ބިން ނުދޭ ކަމަށް ބުނެ ދައްކާ ވާހަކަތައް މޭޔަރު އިސްމާއިލް ރަފީގު މިއަދު ދޮގުކުރައްވައިފި އެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މޭޔަރު ވިދާޅުވީ މި ސަރުކާރަށް ދެ އަހަރު ވެގެން ދާއިރު މިރަށުގެ ރައްޔިތުން އުންމީދު ކުރިވަރަށް ކަންކަން ނުކުރެވޭކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި އެކަން އެހެންވަނީ ކައުންސިލްގެ ސަބަބުން ކަމަށް ދޭހަވާ ގޮތަށް ބައެއް ފަރާތްތަކުން އެބަ ވާހަކަ ދައްކާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ކައުންސިލަކީ ސަރުކާރަށް އަބަދުވެސް ފުރިހަމައަށް އެއްބާރުލުންދޭ ކައުންސިލެއް. އެއްބާރުލުން ނުދޭ ވާހަކައާއި ބިން ނުދޭ ވާހަކަ އާއި ގުޅިގެން ރައްޔިތުންނަށް ސާފުކޮށްދެން،" އިސްމާއިލް ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ މިރަށުގައި ފްލެޓް އަޅަން ބިން ހަވާލު ކުރިތާ މިހާރު ދެ އަހަރެއްހާ ދުވަސްވެއްޖެ ކަމަށެވެ.
"މިދިޔަ ނޮވެމްބަރު މަސް ތެރޭ ކޮންރެކްޓަރު އެދުނު ސައިޓް އޮފީހަށާއި ލޭބާ ކުއާޓާސް އަޅަން ބިން ހޯދަން. އެކަން ދެ ހަފުތާ ތެރޭގައި ހަމަޖައްސައި ދެވުނު. އޭގެ ފަހުން އެދުނީ ބިން ކޮންނަ ފަސް އަޅާނެ ތަނެއް ހޯދަން. އެކަން ވެސް ސައިޓާއި ވީހާ ވެސް ކައިރިން ވަނީ ހަމަޖައްސަ ދީފައި،" އިސްމާއިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބަނދަރު ކޮންޓްރެކްޓަރު މިދިޔަ މަހު ކައުންސިލާއި ބައްދަލުކުރި ކަމަށެވެ. އަދި މެޓީރިއަލް ބަހައްޓާނެ ބިމުގެ މަޝްވަރާ ކުރި ކަމަށާއި އެ ވަގުތު ވެސް ޗާޓު ހުޅުވައިގެން ހުސްބިންތަކުގެ މައުލޫމާތު ދިން ކަމަށް އިސްމާއިލް ވިދާޅުވި އެވެ.
"ބޭނުންވާ ބޮޑުމިނާއެކު މެއިލް ކުރުމުން ހަމަޖައްސާދޭނެ ވާހަކަ ދެއްނެވިން،" މޭޔަރު ވިދާޅުވި އެވެ.
ފުލުހުންގެ އިމާރާތާ ބެހޭ ގޮތުން މޭޔަރު ވިދާޅުވީ ފުލުހުންގެ އިމާރާތް އަޅަން ބިން ދިނުމުގައި ލަސްތަކެއްވި ކަމަށެވެ. އެއީ ޕޮލިސް ސްޓޭޝަން ފުރަގަހުން އޮތް މަގު ބަނދުކޮށް ސްޕޯޓްސްޕާކުން ބައެއް ނަގައިގެން ބިން ހަމަޖައްސައިދޭން ކައުންސިލުން ބޭނުން ނުވުމުން، އެކަށީގެންވާ އެހެން ބިމެއް ބަލައި ހޯދަން ނެގި ވަގުތާއި ހެދި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން އިސްލާމިކް ސެންޓަރު އަޅަން އެކަށީގެންވާ ބިންތަކުގެ މައުލޫމާތު، ޗާޓުތައް ހިފައިގެން ގޮސް މިނިސްޓަރާއި ބައްދަލުކޮށް ހިއްސާކޮށް މަޝްވަރާ ކުރެއްވި ކަމަށާއި މިނިސްޓްރީގެ ޓީމެއް ވަނީ ބިންތައް ބަލަން ޒިޔާރަތް ކޮށްފައި ކަމަށް ވެސް އިސްމާއިލް ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ އޭއީސީ އިމާރާތް އަޅާ ބިން ކޮނެ ފަސް އަޅަން ބޭނުންވާ ތަން އެދުނުތާ ދެތިން ދުވަސް ތެރޭގައި ވަނީ ސައިޓާ ވީހާ ވެސް ކައިރިން ހަމަޖައްސަދީފައި ކަމަށެވެ. އަދި އޮފީސް ކޮމްޕްލެކްސް، ލައިބްރަރީ، އެމްއެންޔޫ ކެމްޕަސް، ޓިވެޓް ސެންޓަރު، ސްޕޯޓްސް ކޮމްޕްލެކްސް އަދި އެގްރިކަލްޗާ ލެބޯޓްރީގެ ބިން ވެސް ވަނީ ހަމަޖައްސައިދީފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސްކޭޓް ޕާކް ބިން ވަނީ ހަމަޖައްސައިދީފައި. މިއީ ކުރީގައި ވެސް ބަޔަކާއި ހަވާލުކޮށްފައި އޮތް ޕްރޮޖެކްޓެއް. މަސައްކަތް ކުރިއަށް ނުދާތީ 2024 ވަނަ އަހަރު އެގްރީމެންޓް ބާތިލްކޮށްފައި އޮތީ. އޭގެ ފަހުން އިއުލާން ނުވެ މިދިޔަ ނޮވެމްބަރުގައި އަނެއްކާ ވެސް ބަޔަކާ ހަވާލު ކޮށްފައި ވަނީ،" އިސްމާއިލް ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ މަގު ހެދުމުގެ ފޭސް ދޭއްގެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދަނީ ބޭނުންވާ ސާމާނުތައް ހަމަޔަށް ނުލިބޭތީ ކަމަށެވެ. އަދި ކައުންސިލުން އަންނަނީ ކޮންޓްރެކްޓަރާ ގުޅިގެން، ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ދެމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ވެލި މަގުތައް ހަދަން ބޭނުންކުރާ ވެހިކަލްތަކާއި މުއައްޒަފުން ވަނީ ސިޓީސް މިނިސްޓްރީގެ ދަށަށް ގެންގޮސްފައި. ވެލިމަގުތައް ހެދުމުގައި ކައުންސިލް ބޭނުންވާ އަވަސްމިނުގައި ކުރިއަށް ނުދާތީ އެކަންބޮޑުވުން އެބަހުރި،" އިސްމާއިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުވައްމުލައް ސިޓީ ކައުންސިލަކީ، ކޮންމެ ސަރުކާރެއް އޮތަސް، އެ ސަރުކާރަކަށް ފުރިހަމައަށް އެއްބާރުލުންދީ ރަށަށް ލިބެން އޮންނަ ތަރައްގީ އާއި ކުރިއެރުމެއް ހޯދައިދޭން އަބަދުވެސް މަސައްކަތް ކުރާ ކައުންސިލެއް ކަމަށެވެ. އަދި ސިޔާސީ ހިޔާލުތަފާތުވުންތަކާ ހެދި ރަށުގެ ތަރައްގީއަށް ހުރަސް އަޅާނެ ވަރަށް ވުރެ ވިސްނުން ހަރުދަނާ، ޕްރޮފެޝަނަލް ބަޔަކު ތިބި ކައުންސިލެއް ކަމަށް ވެސް އިސްމާއިލް ވިދާޅުވި އެވެ.
ސަރުކާރުން ކަމެން ކޮށްދޭން ބޭނުން ނަމަ ވާހާކަ ގިނަނުވާނެ. އެވެނި މިވެނި ބަޔަކާހެދި ނުވެޔޭ ނުކިޔާނެ. މާލޭގަ ކުރަންވީމަ ކުރަނީ ކާކުކުރެން އަހާފަތޯ.
ކަމެން ކޮށްނުދީ އެހެން މީހުން ބުލޭމް ކުރަން ފަރިތަ ސަރުކާރެން މިއީ.