ފުވައްމުލަކު މިސްކިތްމަގު އަވަށުގައި ކުރިން ބޭނުންކުރި މިސްކިތް. މި މިސްކިތާ އިންވެގެން ހުރި މިސްކިތަކީ ފަރަންސޭސި ވަޑިން ހައިރާންކޮށްލި މިސްކިތެއް.
📷އަބްދުﷲ ޖަމީލު
ފުވައްމުލަކު މިސްކިތްމަގު އަވަށުގައި ކުރިން ބޭނުންކުރި މިސްކިތް. މި މިސްކިތާ އިންވެގެން ހުރި މިސްކިތަކީ ފަރަންސޭސި ވަޑިން ހައިރާންކޮށްލި މިސްކިތެއް.
އަބްދުﷲ ޖަމީލު📷
ކުޅަނދުރު އޭތީގެ ހަތާ ހަދަނީ އެ ސޫފި ދިރިއުޅެން ބޭނުންވާނެ އެންމެ އަސާސީ ކަންތައްތައް އެ ހަތާގެ ތެރޭގައި ހިމަނައި ފުރިހަމަ ކުރުމަށް ފަހު އެވެ. ޖަނަވާރާއި ދޫނިސޫފާސޫފި ވެސް ހަމަ މި ބީދައިންނެވެ. ހާލިތަކާއި ކުދިކުދި ހޮރުފަދަ ތަންތަން ހަދަނީ އެ އެއްޗެހީގެ އަސާސީ ބޭނުންތައް ފުއްދޭ މިންވަރަށެވެ.
ދުނިޔޭގައި ލައްވަވާފައިވާ މަޚްލޫގުންގެ ތެރެއިން އަހަރެމެން އިންސާނުން ދިރިއުޅުމުގެ ބޭނުންތަކަށް ހަދާ ތަންތަން ތަފާތެވެ. އިންސާނުން ބޯހިޔާވަހިކަން ހޯދުމަށް ހަދާފައި ހުންނަ އުސް އަދި ތިރި ތަންތަނާއި ގެތަކާއި، އަޅުކަން ކުރަން ހަދާފައި ހުންނަ ތަންތަނުގެ ފަންނުވެރިކަމާއި ފަރުމާކުރުން މޮޅެވެ. އެފަދަ ތަންތަނުގެ ޒަރޫރީ ކަންތައްތައް ފުއްދޭ ވަރަށް ވުރެ އިތުރަށް ޒީނަތްތެރިކަން ވެސް އެހާމެ ބޮޑެވެ.
އިންސާނީ ހަޟާރާތްތައް ފެށިގެން އައި ދުވަސްވަރު ނުވަތަ ދުނިޔޭގައި ރަށްތަކާއި ޝަހަރުތަކާއި ސިޓީތައް އާބާދުވެގެން އައި ދުވަސްވަރު މިފަދަ ކަންކަން އޭގެ އެންމެ ފުޅާކޮށް އަދި ފާޅުކަން ބޮޑު ގޮތެއްގައި އިންސާނިއްޔަތަށް ވަނީ ފެނިފަ އެވެ.
ރާއްޖޭގެ ރަށްތަކުގައި ހުރި ކުރީ ޒަމާނުގެ އާސާރީ ތަންތަން އިމާރާތް ކޮށްފައި ވަނީ ވެސް މިޒަމާނުގެ މީހުން ހައިރާންވާ ފަދަ ހުނަރުވެރިކޮށް އަދި އެހާމެ ފުރިހަމަކޮށެވެ. އެއީ އަހަރެމެންގެ ކާބަފައިންގެ ކުޅަދާނަކަން ފެނިގެންދާ ހެއްކެކެވެ.
މި ރަށުގެ ކުރީގެ އަހުލުވެރިން ބިނާކޮށްފައިވާ ބައެއް ތަންތަން އިމާރާތްކޮށްފައިވާ ފުރިހަމަކަމުގެ ވާހަކަ އެ ޒަމާނުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަރާތްތަކުންނާއި އަދި ބޭރުގެ ކުޅަދާނަ ބައެއް ލިޔުންތެރިންގެ ފޮތްތަކުގައި ވަނީ ޝާއިއުކޮށްފަ އެވެ.
ރާއްޖޭގައި ބިނާކޮށްފައިވާ މިސްކިތްތަކާއި އާސާރީ މި ފަދަ ތަންތަނުގެ އާކިޓެކްޗާގެ ވާހަކަ އެންމެ ފުރަތަމަ ޑޮކިއުމެންޓްކޮށް ލިޔެފައި ވަނީ 12 ވަނަ ގަރުނުގެ އަރަބި ޖިއޮގްރަފީ އިލްމްވެރިއެއް ކަމަށްވާ މުހައްމަދު އަލް އިދްރީސް ލިޔުއްވާފައިވާ "ނުޒްހަތް އަލްމުޝްތާގް ފީ އިޚްތިރާގް އަލް އަފަގް" ގަ އެވެ.
"އެމީހުންނަކީ ޖީބު ލާފައި ހުންނަ ރީތި ކަރުބޮޑެތި ހެދުން އުފައްދާ ބައެކެވެ. އެމީހުންނަކީ ތުނި ލަކުޑިން ބޯޓު ބަންނަ ކުޅަދާނަ ބައެކެވެ. އެމީހުންގެ ގެތަކާއި މުހިންމު އެހެން އިމާރާތްތައް ހަދާފައި ހުންނަނީ ގިނަ ދުވަހަށް ދެމިގެންދާނެ ފަދަ ގަލުންނެނެވެ. އަދި ކަނޑުން ލައްގާ ވަކަރުންނާއި މީރުވަސް ދުވާ ވަކަރުންވެސް އެމީހުން ތަންތަން އިމާރަތް ކުރެއެވެ." އިދްރީސީ ލިޔެފައިވާ ވޮލިއުމް 2 ގެ ސަފްހާ 432 ގައި ދިވެހިރާއްޖޭގެ މީހުން އިމާރާތްކުރާ ގޮތާއި ބެހޭ ގޮތުން ލިޔުއްވާފައި ވެ އެވެ.
ރާއްޖޭގައި އެންމެ ކުރީ ޒަމާނުގައި ބިނާކޮށްފައިވާ ތަންތަނުގެ އާކިޓެޗްޗާގެ ވާހަކަ ރާއްޖެއަށް ޒިޔާރަތްކުރި މީހަކަށް އެންމެ ފުރަތަމަ ސިފަކޮށްދެއްވާފައި ވަނީ މުސްލިމް ދަތުރުވެރިޔާ އިބްނި ބަތޫތާ އެވެ. އެއީ ގާތްގަނޑަކަށް 1343 ގައެވެ. އިބްނި ބަތޫތާގެ "ޓްރެވެލްލޯގް"ގެ "ދަ މޯލްޑިވްސް އައިލެންޑްސް (ދިބާތުލް މަހާލް)" ސަފްހާ 199 ގައި ލިޔުއްވާފައިވާ ޕެރެގެރާފެއްގައި ވަނީ، "ކޮންމެ ރަށެއްގައި ރީތި މިސްކިތްތައް ހުރެ އެވެ. އަދި މި ތަންތަނުގެ ބޮޑުބައި ހަދާފައި ހުންނަނީ ވަކަރުންނެވެ."
ހަމަ މި ފޮތުގެ 200 ވަނަ ސަފްހާގައި ވަނީ:
"އެމީހުންގެ އިމާރާތްތައް ހަދާފައި ހުންނަނީ ވަކަރުން އަދި އެމީހުންގެ ގެ ތައް ހުންނަނީ ބިމައް ވުރެ މަތީގައި އިމާރާތްކޮށްފައި. އެއީ ތެތް ފިނިކަމުން ރައްކާތެރި ކުރުމަށް. އެމީހުން އިމާރާތް ކުރަނީ، ދޭއް ނުވަތަ ތިން ކިއުބިކް މީޓަރު ދިގުމިނަށް ގާތައް ކެނޑުމަށް ފަހު. މި ގާތަށް ބަރިއަކަށް، އެއްބަރި އަނެއް ބަރި މަތީގައި އަތުރާލައި. އަދި މި އެއްޗެހީގެ މަތީގައި ރުއް ވަކަރު އަތުރާފައި ހުރޭ. މިއަށް ފަހު ވަކަރުގެ ފާރުތަކެއް ނަގާ. މިއީ އެމީހުންގެ ކުރިއަރާފައިވާ ނުހަނު ބޮޑު ފަންނެކެވެ."
ދިވެހިރާއްޖެއަށް 1529 ގައި ޒިޔާރަތްކުރި ފަރަންސޭސީ ދެބެއިން ކަމަށްވާ ޖީން އާއި ރައުލް ޕަރަމެންޓާ ދަތުރުކުރި ބޯޓުގެ ބައެއް މީހުން ވަނީ ފުވައްމުލަކު މިފަދަ ބައެއް އާސާރީ ތަންތަނަށް ޒިޔާރަތްކޮށް އެތަންތަން ބަލައިފަ އެވެ. މި ބޯޓުން ފުވައްމުލަކަށް ފޭބި މީހުންގެ ތެރޭގައި އެ ބޯޓުގެ ކުޅަދާނަ ދެ ވަޑިން ވެސް ހިމެނެ އެވެ.
ފުވައްމުލަކުގައި ހުރި މި ފަދަ ތަންތަން ސިފަކޮށް ލިޔެފައިވާ އެއް ޑޮކިއުމެންޓަކީ "ބުލެޓިން އޮފް ދަ ސޮސައިޓީ ނޯމަން ޑީ ޖިއޮގްރަފީ" އެވެ. ތިރީގައި މިވަނީ އެ ފަރަންސޭސި ދަތުރުވެރިން އެމީހުންނަށް ފުވައްމުލަކުން ފެނުނު ތަންތަން ސިފަކޮށްފައިވާ ގޮތެވެ.
"މިރަށުގައި ފައްޅިއެއް ނުވަތަ މިސްކިތެއް ހުއްޓެވެ. ގަލުން ހަދާފައިވާ ވަރަށް ގަދީމީ ތަނެކެވެ. ބޯޓުގެ ކެޕްޓަން މިތަން ބަލަން ބޭނުންވެގެން އެތަނަށް ދިޔަ އެވެ. އަދި އެތަނުގެ ބޮޑަކަށް ހުރި މީހާ އެމީހުންނަށް މަރުހަބާ ކިޔާ އެތަން ދެއްކިއެވެ. އެތަން ފެނިފައި ކެޕްޓަން ހައިރާންވި އެވެ. ތަނުގެ އެތެރޭގެ ކަންކަނާއި ތަންތަން ފައްތަރުތައް ކޮށްފައިވާ ގޮތާއި، އެ ފަތްތަރުތަކުގެ ޑިޒައިންތަކާއި، އެ ތަނަށް ވަންނަން ދެ ފަރާތުގައި ހަދާފައި ހުރި ރެއިލިންތަކުގެ ރީތިކަމާއި ފުރިހަމަކަން ފެނި ބޯޓުގެ ވަޑިންނަށް ވެސް ހައިރާންކަން ލިބުނެވެ. އަދި އެތަނުގެ އެންމެ އެތެރޭގައި ސިއްރު ކޮޓަރިއެއް ކަހަލަ ތަނެއް ހުއްޓެވެ. އެ ތަނުގެ ވަކަރު ދޮރު ހުޅުވާލައި ބެލި އިރު އަޅުކަންކުރާ ކަހަލަ ބުދެއް ފަދަ އެއްޗެއް ފެންނާކަށް ނެތެވެ. ހަމައެކަނި ހުރީ ކާށިން ހަދާފައިވާ ބައްތިއެކެވެ. މިތަނުގެ ފުރާޅު ހުރީ ވަށްކޮށެވެ. އަދި ސީލިންގު ހުރީ ވަކަރު ފިލައިން އަތުރައި ހަދާފަ އެވެ. އަދި ފެން ބޭނުން ކުރެވޭ ގޮތަށް ހަދާފައި ތަނެއް ވެސް ހުއްޓެވެ. މިތަނުގެ އަޑި ހުރީ ފަތާކޮށްނެވެ. މިތަނަށް ދާން އޮންނަ މަގުގައި ހުރީ ކަޅުކުލައިގެ މާބްލް ކަހަލަ ގާ ބަހައްޓާފަ އެވެ. މި ގާތައް ހުރީ ވަރަށް ރީތިކޮށް ފުރިހަމައަށް ކަނޑާ މޯލްޑްކޮށްފަ އެވެ. މިކަމުން މަސައްކަތްތެރި ކަމުގެ ފުރިހަމަކަން ހާމަވެގެންދެ އެވެ. އަދި މިތަނާއި ވަކިން ހުރި ތަނެއްގައި، ހަތަރެސްކަން ހަމަ ވަޅެއް ނުވަތަ ފައުންޓެއިން އެއް ފަދަ ތަނެއް ހުއްޓެވެ. އެއީ އެ ރަށުގެ އަހުލުވެރިން ފެން ބޭނުން ކުރުމަށެވެ. މި ވަޅުގެ ފުންމިނުގައި ހަ ފޫޓް ނުވަތަ އަށް ފޫޓް ހުންނާނެ އެވެ. އަދި ވަޅުގައި ވަރަށް ގިނަ ދާނިތައް ވެސް ބަހައްޓާފައި ހުއްޓެވެ. މި ވަޅުގެ އަޑިވެސް ހުރީ ފަތާކޮށްނެވެ. އަދި ވަޅަށް ދާން އޮންނަ މަގުގައި ވެސް ހުރީ ކަޅުކުލައިގެ ގާ ބަހައްޓާފަ އެވެ. މި ރަށުގައި މި ފަދަ ވަރަށް ގިނަ ކުދި ކުދި ވަޅުތަކާއި މިފަދަ ތަންތަން ހުއްޓެވެ."
ފެބުރުއަރީ 16، 1922 ގައި އެޗްސީޕީ ބެލް ވަނީ އާކިޓެކްޗަރުންނާއެކު ފުވައްމުލަކަށް ޒިޔާރަތްކޮށްފަ އެވެ. މި ޓީމަށް ބޮޑު މިސްކިތެއްގެ ގޮތުގައި ފުވައްމުލަކު ހުކުރު މިސްކިތް ފެނި ފާހަގަކުރެވިފައި ވެ އެވެ. އެހެން ނަމަވެސް މަތީގައި ބަޔާންކޮށްފައިވާ ކަހަލަ، ވަށް ފުރާޅެއްލާފައިވާ ފަދަ ތަނެއް އަދި ލަކުޑިން ހަދާފައިވާ ސީލިންގެއް ހުރި މި ފަދަ ތަނެއް ފެނިފައެއް ނުވެ އެވެ.
ފުވައްމުލަކަށް ފޭބި ފަރަންސޭސިންނަށް ފެނިފައި އެ ވަނީ މި ރަށުގެ މައިލޯ ސްޓޭޑިއަމްގެ ދެކުނުކޮޅުގައި އިހު ޒަމާނުގައި ހަދާފައި ހުރި ފަންނުވެރި ކަމުގެ އެފަދަ ދެވަނައެއް ނެތް މިސްކިތުގެ ވާހަކަ އެވެ. މި މިސްކިތް ވަނީ ރަށްވެހިކަމުގެ ދުވަސްވަރު (އަލްއުސްތާޒު މުހައްމަދު އިބްރާހިމް ލުތުފީގެ އަތޮޅުވެރިކަމުގައި)، ގާތްގަނޑަކަށް މީގެ 78 ވަރަކަށް އަހަރު ކުރިން އެ ދިމާލުން މަގުތައް ހެދުމަށްޓަކައި އެއްކޮށް ނަގާފަ އެވެ.
މި ރަށުގައި މިހާރު ފެންނަން ހުރި އެއްވެސް މި ފަދަ އާސާރީ ތަނެއްގައި ފަރަންސޭސި ވަޑިން ސިފަކޮށްފައިވާ ގޮތަށް މި ފަދަ އިހުގެ ބިނާއެއް މިހާރަކު ނެތެވެ. ކުރިން މިފަދަ ކުދި ކުދި މިސްކިތް ފަދަ ތަންތަން މި ރަށުގެ އެކި ހިސާބުތަކުގައި ހުއްޓެވެ. އެހެންނަމަވެސް މި މިސްކިތަކީ ތަފާތު ގޮތަކަށް ރަށުގައި ހުރި ގެތް މިސްކިތް ފަދަ މިސްކިތްތަކާ ޚިލާފަށް ތަފާތު ގޮތަކަށް ބިނާކޮށްފައިވާ ތަނެކެވެ. މި ގޮތުން އެންމެ ފާހަގަކޮށްލެވެނީ ވަކަރުން ވަޑާމުގެ ހުނަރުވެރިކަމާއި ކަނޑާ ނެގުމާއި ޑިޒައިން ކުރުމުގެ ލާމަސީލު މަސައްކަތްތަކެއް ކޮށްފައިވާ ކަމެވެ.
ފަރަންސޭސި މި ދަތުރުވެރިން ފުވައްމުލަކަށް ޒިޔާރަތްކޮށްފައި އެ ވަނީ ރާއްޖެ އިސްލާމް ވިތާ އެތައް އަހަރެއް ފަހުންނެވެ. އެހެންކަމުން އެ މީހުން ފުރަތަމަ ޒިޔާރަތްކޮށްފައި އެވާ ފަންނުވެރިކަމުގެ ލާމަސީލު ތަނަކީ މިސްކިތްމަގުގައި ހުރި މި ދެންނެވި މިސްކިތެކެވެ.
ކުރީ ޒަމާނުގައި ބުދައް އަޅުކަންކުރަން ރަށްރަށުގައި ހަދާފައި ހުރި ބައެއް ތަންތަން ތަޅާލައި އަލުން ރީތި ފަންނުވެރި މިސްކިތްތައް އެތަންތަނުގައި ބިނާކޮށްފައި ވާއިރު، މި ފަދަ ބައެއް ތަންތަން ވަނީ މިސްކިތް ހުންނަ ގޮތަށް ނަމާދުކުރެވޭ ގޮތަށް ބަދަލު ވެސް ކޮށްފަ އެވެ.
މި ލިޔުމަށް އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓު ލިޔުއްވާ!