ފުވައްމުލަކު ދިގުވާނޑު އަވަށު ފިނިވާމަގުގައި ހުންނަ ކެފޭ 1940 ގައި ބަހައްޓާފައިވާ ތާރީހީ ބައެއް ތަކެތި.
📷އަހުމަދު ސައީދު
ފުވައްމުލަކު ދިގުވާނޑު އަވަށު ފިނިވާމަގުގައި ހުންނަ ކެފޭ 1940 ގައި ބަހައްޓާފައިވާ ތާރީހީ ބައެއް ތަކެތި.
އަހުމަދު ސައީދު📷
މިތަނުގެ މޭޒެއްގައި އިށީނުމުން ވަށައިގެން ފެންނަނީ އިހުޒަމާނުގައި ކާބަފައިން ބޭނުން ކުރި ގެވެހި ކަންވާރުތަކާއި، ހިފައި ގެންގުޅޭ ތަކެއްޗާއި ފެހުމާއި ވަޑާން ކުރުމަށް ބޭނުންކުރި މުސްކުޅި އާލާތްތަކާއި މަސައްކަތްތެރި ކަމުގައި ބޭނުންކުރި އެކި ވައްތަރުގެ އެހެނިހެން އާލާތްތަކެވެ. އަދި ކުރީގައި ދުއްވަން ބޭނުންކުރި ބައިސްކަލާއި މުދާ އުފުލަން ބޭނުންކުރި ބޮޑު ގާޑިޔާތަކުގެ ބައިތަކެވެ. އަދި ގެދޮރުގައި ހަރުކޮށްފައި ހުންނަ މުސްކުޅި ތަކެތި ވެސް ބަހައްޓާފައި ހުރެ އެވެ.
މިއީ އުފެއްދުންތެރި ޚިޔާލުގެ މުޅިން އެހެން ލެވެލެއްގައި ހިންގާ ކެފޭ އެކެވެ. ފުވައްމުލަކު ދިގުވާނޑު އަވަށު ފިނިވާމަގުގައި ހުންނަ ކެފޭ 1940 އަށް ވަނުމުން އެ ވަދެވެނީ ފުވައްމުލަކުގެ ތާރީޚުގެ ތެރެއަށެވެ. މުސްކުޅި އާދަކާދައާއި ސަގާފަތުގެ ތެރެއަށެވެ.
ރާއްޖެ އިސްލާމް ވުމުގެ ކުރިން ބޭނުންކޮށްފައިވާ ދެ ކަންވާރެއް މިތަނުގައި ބަހައްޓާފައިވެ އެވެ. އެހެންކަމުން 872 އަހަރުގެ ތާރީޚުގައި ފުވައްމުލަކުގައި ފެންނަން އޮތް އެންމެ ދުވަސްވީ ތަރިކަ ބަލާލުމަށް ބޭނުންވާ ނަމަ ކެފޭ ނައިންޓީން ފޯޓީއަށް ޒިޔާރަތް ކޮށްލައްވާށެވެ.
މި ކެފޭއަކީ ރަށުގެ ޒުވާނެއް ކަމަށްވާ ސަނީސައިޑް އިބްރާހިމް ރަޝީދު (ރާއްޓޭ) 36، ހިންގާ ތަނެކެވެ. ތަނުގެ އިންޓީރިއާ ހަދާފައި ވަނީ ވެސް ރާއްޓޭގެ އަމިއްލަ މަސައްކަތާއި ޚިޔާލަށެވެ.
ކެފޭ 1940، ރަށުގެ ތެޅި ގަލުން ރާނާފައިވާ މުސްކުޅި ގެއަކަށް ގެންދިއުމުގެ ޚިޔާލު ވެސް ރާއްޓޭ ގެންގުޅެ އެވެ. ނަމަވެސް އެފަދަ މުސްކުޅި އިމާރާތެއް ހޯދުމަށް ކުރާ މަސައްކަތުގައި ރާއްޓޭއަކަށް ކުރިއެރުމެއް އަދި ނުލިބެ އެވެ.
ފުވައްމުލަކަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މަގުބޫލުކަން މި ކެފޭއަށް ލިބިފައިވާކަން މިތަނަށް ވަދެލުމުން ފާހަގަވި އެވެ. އެ ވަގުތު ވެސް އޮއްވަޅު ކުޅޭގޮތް ތަޖުރިބާކޮށްލުމަށް ފަތުރުވެރިން ޝައުގުވެރިކަން ދީގެން ތިބިތަން ފެނުނެވެ.
ރާއްޓޭގެ، ކެފޭ 1940 އިން މި ދެވެނީ މިރަށުގެ އިހުގެ ތާރީހުގެ ތެރެއަށެވެ. މިއީ ޝައުގުން ފުރިގެންވާ ކެފޭ އެކެވެ. މިއީ ކޮންމެހެން ވެސް ބަލައިލަން ޖެހޭ ތަނެކެވެ. ކާބަފައިން އިހުޒަމާނުގައި ގެންގުޅުނު ތަކެތި އެންމެ ފަސޭހައިން ފެންނާނެ އެއް ތަނަކީ މިތަނެވެ.
މި ލިޔުމަށް އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓު ލިޔުއްވާ!