ފުވައްމުލައް ޑަބްލިއުޑީސީގެ މެމްބަރުން ބައްދަލުވުމެއްގައި ބައިވެރިވަނީ.
ފުވައްމުލައް ޑަބްލިއުޑީސީ📷
"ދޮންސިއްތީބު އެވޯޑް" ގެ ނަމުގައި ހާއްސަ އެވޯޑެއް ދޭން ފުވައްމުލައް ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިއުޑީސީ) އިން ނިންމައިފި އެވެ.
މި އެވޯޑު ހާއްސަކޮށްފައިވާ ދޮންސިއްތީބު އަކީ ފުވައްމުލަކުގައި އަތޮޅުވެރިކަން ކުރި ހަމައެކަނި އަންހެން މީހާ އެވެ. މިއީ މާލެގަމު އަވަށުގައި އުޅުނު މީހެއް ކަމަށް ބުނެ އުޅެ އެވެ. ދޮންސިއްތީބޫގެ ވާހަކަ އަކީ މި ރަށުގައި ކިޔައި އުޅުނު ފޯކުލޯރުތަކުގެ ތެރެއިން މަޝްހޫރު އެއް ފޯކުލޯރެވެ.
ދޮންސިއްތީބޫ އަކީ ބުނެވޭ ގޮތުގައި ރެހެންދި ޚަދީޖާގެ ރަނިކަމުގެ ދުވަސްވަރު (މީލާދީ ގޮތުން 1347 ގައި ރަސްކަމަށް އިސްވެވަޑައިގަތީ) އުޅުއްވި އަދި ރާއްޖޭގެ ފުރަތަމަ އަންހެން ވާރުވެރިޔާ އެވެ.
އެ ކޮމިޓީން ދޭ "ދޮންސިއްތީބު އެވޯޑް" އަށް ނަން ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. މި އެވޯޑު ދިނުމަށް ހަމަޖެހިފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ ކުރީކޮޅު ކަމަށް އެ ޑަބްލިއުޑީސީގެ މެމްބަރަކު ވިދާޅުވި އެވެ.
މި އެވޯޑަށް ނަން ހުށަހެޅޭނީ ހަ ދާއިރާ އިންނެވެ. މީގެ ތެރޭގައި ހިމެނެނީ ކުޅިވަރު، ސިއްހީ، އިޖުތިމާއީ، އިގްތިސާދީ، ތައުލީމް އަދި ފަންނުވެރިކަން އެވެ.
އަންހެނުންގެ ކޮމިޓީން ވަނީ މެދުނުކެނޑި 35 އަހަރަށް ވުރެ ގިނަ ދުވަހު ސަރުކާރަށް ހިދުމަތްކޮށްފައިވާ ފަރާތަކަށް ހާއްސަ އެވޯޑެއް ވެސް ދޭން ނިންމައިފަ އެވެ. މި އެވޯޑު ދިނުމަށް ހަމަޖެހިފައި ވަނީ 35 އަހަރު ވަން ދެން ސަރުކާރުގެ ހިދުމަތުގައި ދެމިހުރި މިރަށުގެ އަންހެނަކަށެވެ.
ޑަބްލިއުޑީސީ އިން ބުނީ މި އެވޯޑަކީ ގައުމީ ހިދުމަތުގައި އެކި އެކި ދާއިރާތަކުން އަންހެނުން ކުރާ މަސައްކަތުގައި މި ރަށުގެ ތަރައްގީއަށާއި މުޖުތަމައު ބިނާ ކުރުމަށް އަންހެނުން އަދާކުރާ ދައުރާއި، މުޖުތަމައުގައި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށާއި، އަންހެނުންގެ ކުރިއެރުމަށް ވަކި ވަކި ފަރުދުންނާއި މުއައްސަސާތަކާއި، ޖަމިއްޔާތަކާއި ޖަމާއަތްތަކުގެ ތެރޭގައި ހިމެނޭ އަންހެނުން ކުރާ މަސައްކަތްތަކުގެ އަގު، ރަށު ފެންވަރުގައި ވަޒަން ކުރުމުގެ މަގުސަދުގައި ދޭ އެވޯޑެއް ކަމަށެވެ.
އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީ އިން ބުނީ އެ ކޮމިޓީން ދޭ "ދޮންސިއްތީބު އެވޯޑް" އަށް ނަން ހުށަހެޅުމުގެ ފުރުސަތު 11 ޑިސެންބަރު 2025 އިން 30 ޑިސެމްބަރު 2025 ވާ އަންގާރާ ދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށް ހުޅުވާލާ ކަމަށެވެ.
މި ލިޔުމަށް އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓު ލިޔުއްވާ!