ނާއިބުގައްތެ ސަންފާދީ (ސަފިއްޔާ މުހައްމަދު)
އަހުމަދު ސައީދު📷
ފުވައްމުލަކުގެ އެކި އުމުރު ފުރައިގެ އަންހެނުންނަކީ ރީތި ކަމަށް މުޅި ރާއްޖެއަށް ވެސް މަޝްހޫރު ބަޔެކެވެ. ދިވެހި ފިލްމީ ދާއިރާގައި ވެސް ނުވަދިހައިގެ އަހަރުތަކުގައި އެންމެ ވިދާލީ މި ރަށަށް އުފަން މީހުންނެވެ. އަދި ފަހަކަށް އައިސް ޓިކްޓޮކާއި އިންސްޓަގްރާމްގައި ވެސް މި ރަށުގެ ޒުވާން އަންހެން ކުދިންގެ މަގުބޫލްކަން އިންތިހާއަށް އިތުރުވެފައި ވަނީ ސަބަބެއް ނެތިއެއް ނޫނެވެ.
މިއީ 1985 ވަނަ އަހަރު ނޮވެލްޓީ ޕްރިންޓާސްގެ ޑައިރީގައި ޝާއިއުކުރި ފުވައްމުލަކުގެ ރީތީ އަންހެން މޮޑެލްއެއްގެ ވާހަކަ އެކެވެ. 1980 ގެ އަހަރުތަކުގައި ކޮންމެ އަހަރަކު ވެސް ނޮވެލްޓީން ހާއްސަ ޑައިރީއެއް ނެރުނެވެ. މިއީ އެ ޑައިރީގައި ޝާއިއުކުރި ތާރީހީ ފޮޓޯއެކެވެ. އޭރު ޑައިރީތަކަށް ރީތި މަންޒަރުތަކާއި މޮޑެލުން ހޯދަނީ ރާއްޖޭގެ ރަށްރަށަށް ދަތުރުކޮށްގެންނެވެ.
ޑައިރީތަކަށް ފޮޓޯ ހޯދުމަށް ނޮވެލްޓީގެ ފަރާތުން ދަތުރުކުރީ އެ ދުވަސްވަރު ރާއްޖޭގެ އެންމެ ކުޅަދާނަ ދެ ފޮޓޯގްރާފަރުން ކަމަށްވާ ހ. ބެންހާގެ، މުހައްމަދު ހަބީބުއާއި ވަޑި އިސްމާއިލް އަބްދުﷲ އެވެ. މި ދެ ބޭފުޅުންނަކީ މިއުޒިކީ ރޮނގުން ވެސް އެދުވަސްވަރު ވިދާލި ދެބޭފުޅުންނެވެ. ރާއްޖޭގެ މަޝްހޫރު މިއުޒިކް ބޭންޑް، "ކުއިކްސޭންޑް" ގެ ދެ މިއުޒިޝަނުންނެވެ. އިސްމާއިލްއަކީ ޑްރަމަރެވެ. ހަބީބްއަކީ ގިޓަރިސްޓެއްގެ އިތުރުން ލަވަކިއުންތެރިއެކެވެ.
ހަބީބު އާއި އިސްމާއިލް ފޮޓޯ ނެގުމަށްޓަކައި ފުވައްމުލަކަށް ދަތުރުކޮށް ރީތި މަންޒަރުތަކާއި، މޮޑެލުން ހޯދުމުގެ މަސައްކަތް ކުރީ 1985 ވަނަ އަހަރު އެވެ. މި މަސައްކަތުގައި އެރަށުގައި އުޅުއްވަނިކޮށް އެބޭފުޅުންނާއި ދިމާވީ އެ ދުވަސްވަރުގައި އިންޑިއާގެ ސިނަމާތަކުން ފެންނަ އަންހެން އެކްޓަރުންނަށް ދޫނުކުރާވަރުގެ ރީތިކަމެއް ލިބިފައިވާ އަންހެން ކުއްޖެކެވެ.
މި ފެނުނު ކުއްޖާގެ ނަލަކަމާއި ޗާލުކަން އެދުވަސްވަރުގެ ހިންދީ ސިނަމާގެ ރަނިކަން ކުރަމުންދިޔަ ރީތި ބަތަލާއިން ކަމުގައިވާ ރޭކާ، ޖަޔާ ޕްރަދާ އަދި ޕޫނަމް ދިލޯން ފަދަ ތަރިންނާ އެއްފަދަކަން އިސްމާއިލްއަށާއި ހަބީބުއަށް ފާހަގަކުރެވުނެވެ. އެހެންކަމުން ޑައިރީގައި ޝާއިއު ކުރުމަށްޓަކައި އެ ކުއްޖާގެ ފޮޓޮއެއް ލިބޭތޯ ވަގުތުން މަސައްކަތް ފެއްޓެވި އެވެ.
ހަބީބު އާއި އިސްމާއިލްގެ މަސައްކަތުން މި ކުއްޖާ އެކަމަށް އެއްބަސް ކުރުވައި މޮޑެލް ކުރުވި އެވެ.
ފޮޓޯގައި މި ފެންނަނީ އެ މޮޑެލެވެ. 1986 ވަނަ އަހަރު ނޮވެލްޓީގެ ޑައިރީއިން ދައްކާލި މޮޑެލެވެ. ނާއިބުގައްތެ ސަންފާދީ (ސަފިއްޔާ މުޙައްމަދު) އެވެ. އޭނާގެ ރީތިކަމަށް ދެބަސްނުވޭ ފަދަ ރީތި އަންހެނެކެވެ.
ފޮޓޯ ނަގާފައި ވަނީ 1985 ވަނަ އަހަރު ފުވައްމުލަކުގަ އެވެ. އެހެންކަމުން މި ފޮޓޯއަށް 40 އަހަރު ފަހަނަޅާ ހިނގައްޖެ އެވެ. ހަބީބު އާއި އިސްމާއިލް ވެސް ދުނިޔޭގައި އެބަތިއްބެވި އެވެ. މިފަދަ މަޝްހޫރު ފޮޓޯއެއްގެ މޮޑެލް އާއި އެ ފޮޓޯ ނެގި ކުރޫއިން އަލުން ބައްދަލުވެ ޝައުގުވެރި ވާހަކައެއްގެ މައްޗަށް ޑޮކިއުމެންޓްރީއެއް ހަދާލުމަކީ ރަނގަޅު ކަމަކަށް ވާނެ އެވެ. އިސްމާއިލް އާއި ހަބީބު ވަނީ ރާއްޖޭގެ ކަންކޮޅުތަކުގައި ގިނަ އަދަދެއްގެ ތާރީޚީ ފޮޓޯތަކެއް ނަންގަވާފަ އެވެ.
ފުވައްމުލަކު ކުދިން ހަމަ މާބޮޑަށް ވެސް ރީތީ ދޮގޭ.