ކަނބުރުވެރިޔާ އަހުމަދު ޝާތިރު މަސައްކަތް ކުރަނީ.
އަހުމަދު ސައީދު📷
ކަނބުރުވެރިކަމަކީ އެހާ ފަސޭހަ މަސައްކަތެއް ނޫނެވެ. ދަގަނޑު އެކަތަގަނޑެއް އަލިފާނުން ވިރުވައި ދޮންކޮށްގެން، ވަރުގަދަ މަރުތޭލަކުން ތަޅައި ވަކި ބައްޓަމަށް ގެނައުމަކީ ބުރަ އަދި އުނދަގޫ ކަމެކެވެ. އެކަމަކު ބައްޓަމަށް ރީތިކޮށް ގެނެސް ތޫނުކޮށްގެން ބޭނުންކުރަން ފެށެނީ ކަނބުރުވެރިޔާގެ ބުރަ މަސައްކަތުންނެވެ. މިއީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭ ވަރަށް ވުރެ ކަވި މަސައްކަތެކެވެ.
މި މަސައްކަތް މިހާރު ވެސް މި ރަށުގައި މަދުން ނަމަވެސް ކޮށްއުޅޭ މީހުން އެބަތިއްބެވެ. ނަމަވެސް މިއީ އޭގެ ތެރެއިން ވެސް އާދަޔާ ހިލާފު މީހެކެވެ.
މިރަށު މިސްކިތްމަގު އަވަށު އަހައްމަދުފުތުގެ އިބްރާހިމް ދީދީގެ އަހުމަދު ޝާތިރު (އަރުސީ) ނުވަތަ އަހައްމަދު ބެއަގެ ބޭބޭގެ އަހައްމާއްދީ އަކީ ދިއުޅުމަށްޓަކައި އާމްދަނީ ހޯދުމަށް ކަނބުރުވެރިކަމުގެ މަސައްކަތް ކުރުމުގައި ބައި ގަރުނަށް ވުރެ ގިނަ ދުވަހު ދެމި ހުރި މީހެކެވެ. ޝާތިރުގެ އުމުރުން 20 އަހަރުގައި ބައްޕަ ކާރީގައި ހުރެގެން މަސައްކަތް ކުރަން ފަށައިފި އެވެ.
ޝާތިރުގެ ބައްޕަ އަހައްމަދު ފުތުގެ އިބްރާހިމް ދީދީއަކީ ވެސް ކަނބުރުވެރިއެކެވެ. ޝާތިރުގެ އާއިލާގެ މެމްބަރުންގެ ތެރޭގައި ހިމެނޭ ކުރީގެ މީހުންނަކީ ވެސް ކަނބުރުވެރިންނެވެ. މިއީ އޭނާގެ އާއިލާގެ ފަރާތުން ވާރުތަވަމުން އައި ހުނަރެކޭ ބުނެވިދާނެ އެވެ.
ކަނބުރުވެރިކަން ނުވަތަ ފުވައްމުލަކުގެ ބަހުރުވައިން "އައްޗަންކަން" ކުރުމަކީ ބައްޕަގެ ފަރާތުން ވާރުތަވެފައިވާ މަސައްކަތަކަށް ވާތީ މި މަސައްކަތް އަތުން ދޫކޮށްލުމަކަށް ޝާތިރު ނުވިސްނަ އެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުރެވުނު ހާ ދުވަހަކު މި މަސައްކަތް ކޮށްގެން އާމްދަނީ ހޯދުމަށް ޝާތިރު ހުރީ ނިންމައިގެންނެވެ.
ޝާތިރުއަކީ އެތައް މަސައްކަތްތަކެއް ކުރުމުގެ ހުނަރުވެރިއެކެވެ. ކުރީގެ ދުވަސްތަކުގައި މަސްވެރިކަން ކުރި އެވެ. މިހާރު ވެސް އަމިއްލަ ޑިންގީއެއްގައި ކައްޓެޅީގެ މަސްވެރިކަމަށް މީހުން ނެރެ އެވެ. ޑިންގީގައި ދާނެ މީހުން މަދުވާ ވަގުތު އަމިއްލައަށް ވެސް މަސްވެރި ކަމަށް ނުކުމެ އެވެ. ހެވީލޯޑް ގިނަ ވެހިކަލްތައް ދުއްވަން ޝާތިރުއަށް އެނގެ އެވެ. މިހާރު ވެސް އަދާކުރާ ރަސްމީ ވަޒީފާގެ ގޮތުން ހެވީލޯޑް ވެހިކަލްތައް ދުއްވަ އެވެ. އާމްދަނީ ހޯދުމަށް ކުރި މަސައްކަތެއްގެ ގޮތުން ޝާތިރު ޓެކްސީ ވެސް ދުއްވި އެވެ. އެންމެ ފުރަތަމަ މި ރަށަށް ކާރެއް ގެނައި މީހުންގެ ތެރޭގައި ވެސް އޭނާ ހިމެނޭނެ އެވެ. އޭގެ އިތުރުން އޭނާއަކީ ކުޅަދާނަ ފެހުންތެރިއެއް ވެސްމެ އެވެ. މިހާރު ވެސް އެ މަސައްކަތް ކުރެ އެވެ.
ޝާތިރުގެ ދިރިއުޅުމުގެ ބިންގާ އެޅީ ދޫނޑިގަމު އަވަށުގަ އެވެ. ޝާތިރުއަށް 8 ކުދިން ލިބިފައިވެ އެވެ. ދޫނޑިމަގު ސީސަންގޭ ފާތިމަތު އާދަމްއާ ކައިވެނި ކޮށްގެން ހަ ކުދިން ލިބިފައިވެ އެވެ. ޝާތިރުގެ ކުދިން ކަނބުރުވެރިކަމުގެ މަސައްކަތަށް ޝައުގުވެރި ކަމެއް ނެތެވެ. ނަމަވެސް ބައެއް ކުދިންނަކީ ފަންނުވެރިކަމުގެ ބައެއް އެހެން މަސައްކަތްތައް ދަސްކޮށްގެން އެކަމުގެ ތެރޭގައި އުޅޭ ކުދިންނެވެ.
މިއީ މަދުން ނޫނީ މިރަށުން ނުފެންނަވަރު ފަންނުވެރި މަސައްކަތްތެރި އެކެވެ. ޝާތިރުގެ މަސައްކަތް މި ރަށުގެ އެތައް ބަޔަކު އުފަލާއެކު ބަލައިގަނެވެ.
މި ލިޔުމަށް އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓު ލިޔުއްވާ!