ފުވައްމުލަކުގައި މެދުކެނޑުމެއް ނެތި ޓެކްސީ ހިދުމަތް ދިނުމުގައި ދެމި ހުރި ހޯލި އަލީ
އަހުމަދު ސައީދު📷
މިއީ މި ރަށުގައި ޓެކްސީއެއް ދުއްވުމުގެ ހިދުމަތުގައި އެންމެ ގިނަ ދުވަހު ދެމި ހުރި އެކަކެވެ. އޭނާއަކީ ކާކުކަން ނުދަންނަ މީހަކު ފުވައްމުލަކުގައި ވަރަށް މަދުވާނެ އެވެ. އޭނާގެ ހިދުމަތް ރޭގަނޑު ދަންވަރު ލިބެ އެވެ. ވަރުބަލިކަމެއް ނެތި ޓެކްސީގެ ހިދުމަތް ދިނުމުގައި އޭނާ ހޭދަ ކުރީ ކުރު މުއްދަތެއް ނޫނެވެ.
މާލެގަމު އަވަށު ހޯލި، އަލީ އަހުމަދު (ހޯލި އަލީ) ފުރަތަމަ ވަޒީފާ އަދާ ކުރީކުރަން ފެށީ 1988 ވަނަ އަހަރު ފަތުރުވެރި ކަމުގެ ދާއިރާގައި ރިސޯޓްގަ އެވެ. ހޯލި އަލީ ވަރަށް ޒުވާން އުމުރުގައި ދެން ނިންމީ ވަރަށް ހިތްވަރު ގަދަ ނިންމުމެކެވެ. އޭއީ އާމްދަނީ ހޯދުމަށްޓަކައި ރާއްޖޭން ބޭރުގެ ޝިޕިން ލައިނެއްގައި މަސައްކަތް ކުރަން ދިއުމެވެ.
ބޭރު ދަތުރު ކުރުމަށްޓަކައި ސީޑީސީ ސަޓިފިކެޓް ހޯދައި ބޭރުގެ ބޯޓް ފަހަރުތަކުގައި މަސައްކަތް ކުރުމަށް ރާއްޖޭން ފުރީ 1991 ވަނަ އަހަރު އެވެ. ރާއްޖޭން ބޭރުގައި 8 އަހަރެއްހާ ދުވަހު މަސައްކަތް ކުރި އެވެ. ޒަވާޖީ ހަޔާތެއް ފެށުމަށް ކައިވެނި ކުރީވެސް ބޭރު ދަތުރު ކުރުމުގައި އުޅެމުންނެވެ. ކާވެންޏަށް ފަހު ބޯޓު ދަތުރު ކުރުމުގައި އުޅުނީ ވަރަށް ކުޑަ ދުވަސްކޮޅެއްގަ އެވެ. އޭގެ ފަހުން އާއިލާއާއެކު ރަށުގައި ދިރިއުޅެން ދަތުރު ކުރުން ހުއްޓާލީ އެވެ.
ފުވައްމުލަކަށް އައިސް ހަމަޖެހިލުމަށްފަހު ފުރަތަމަ ހުޅުވީ "ހޮވަން ހޯލި"ގެ ނަމުގައި ފިހާރައެކެވެ. ފިހާރަ ހިންގަމުން ޓެކްސީ ލައިނެއް ހަދައި ހިންގަން ފެށި އެވެ. އެއީ ހޯލި ޓެކްސީ އެވެ. އަލީގެ ނަން ހޯލި އަލީއަށް ބަދަލުވީ އޭގެ ފަހުންނެވެ. ފުރަތަމަ ގެންގުޅުނީ އެއްމެ ކާރެކެވެ. ފަހުން އިތުރު ވެހިކަލް ހޯދައި އަދަދު އިތުރު ކުރި އެވެ.
އަލީ މިރަށުގައި ޓެކްސީގެ ޚިދުމަތް ފެށިއިރު ޓެކްސީގެ ޚިދުމަތް ދޭ އެހެން ފަރާތްތައް ވެސް ތިއްބެވެ. އޭގެ ތެރޭގައި ހިޔަލީ ޓެކްސީއާއި، ފުނަ ޓެކްސީ އަދީ އޭއައިޖީ އަލީ ހިންގި ޓެކްސީ ސެންޓަރެއް ހިމެނެ އެވެ. އަލީގެ ހޯލި ޓެކްސީގެ ޚިދުމަތް ފެށީ 3 ވަނަ އަށެވެ.
ރަށުގައި ހިންގި ޓެކްސީ ސެންޓަރުގެ ޚިދުމަތް، ފަހަރަކު ސެންޓަރެއް ހުއްޓެމުން ގޮސް، އަލީގެ ހޯލި ޓެކްސީ ފިޔަވައި އެހެން ހުރިހާ ސެންޓަރުތަކެއް ހުއްޓުނީ އެވެ. ހޯލި ޓެކްސީއަށް ވެސް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވަމުން ދިޔަ އެވެ. އެހެން ނަމަވެސް އަލީ ދިޔައީ އެއްކޮށް ހުއްޓާނުލައި ކޮންމެވެސް އެއްސިފައެއްގައި ހިފެހެއްޓޭތޯ މަސައްކަތް ކުރަމުންނެވެ.
ހުއްޓާލި ޓެކްސީ ސެންޓަރުތަކުން ދޫކޮށްލި ބާ އުޅަނދުތައް ވެސް އަލީ ހޯދި އެވެ. އެ ތަކެތި ދުއްވޭ ފެންވަރަށް މަރާމާތު ކުރުމަށް ވެސް އުނދަގޫ މަރުހަލާތަކެއް ގިރާކުރަން ޖެހުނެވެ.
އަލީގެ ޓެކްސީ ސެންޓަރު ހިންގުމުގައި ރަޙުމަތްތެރިންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުން ނުހަނު ބޮޑެވެ. އޭގެ ތެރޭގައި މަޝްހޫރު ޕާޕަރޭ އާއި ހަނޫއާއި ޝޭޑީ ސައީދު، ކޮއްކޮ ޖަމްޝީދު، ޖަމްބޯ އާތިފު، ހިޔަލީ އިބްރާ، ހިޔަލީ އަލީ އަދި ރިޝްތާ މުހައްމަދު ހުސައިންއަކީ ވަރަށް މުހިއްމު ދައުރެއް އަދާކޮށްދިން ރަޙުމަތްތެރިންނެވެ. އަތުގައި ހުރި ބައެއް އުޅަނދުތަކަކީ ވަރަށް ބާ އެއްޗެހި ކަމުން ދުވާލު ދުއްވޭ ވަރު ކުރުމަށް ރޭނގަޑުގެ ވަގުތުގައި ތިބެނީ މަރާމާތު ކުރުމަށެވެ. ޕާޕަރޭ އާއި އަލީ އުޅޭނީ ރޭގަނޑު މަރާމާތު ކުރުމަށެވެ. ޝޭޑީ ސައީދު ވެސް ޓެކްސީ ކުރި އެވެ. ހަނޫ އުޅޭނީ ސެންޓަރުގެ އޮޕަރޭޝަންސް ހިންގުމަށެވެ.
ޕާޕަރޭއަކީ އަލީގެ ހޯލި ޓެކްސީ ދަތުރުގެ ކާމިޔާބީގެ ވަރަށް ޚާއްސަ ބައިވެރި އެވެ.
ޓެކްސީ ލައިން ހިންގުމުގައި އަންހެނުން އާމިނަތު އިބްރާހިމްގެ އެހީތެރިކަން ވެސް ވަރަށް ބޮޑެވެ. ސެންޓަރުގައި ކުއްޖަކު ނުހުންނަ ކޮންމެ ގަޑިއެއްގައި ފޯން ކޯލްތަކަށް ޖަވާބުދީ، ވޯކީ ޓޯކީއިން ކާރަށް މެސެޖު ފޯރިކޮށް ދެނީ އާމިނަތު އެވެ.
މަރްހޫމް ރާޑޯ ހަސަން އިބްރާހިމްއަކީ ވެސް ހޯލި ޓެކްސީއަށް ވަރަށް އެހީތެރިވެދިން އަޚެކެވެ. އޭނާގެ ގެ ރާޑޯގައި ހުރި ވޯކީޓޯކީ ސެންޓަރުން ވެސް އަލީގެ ކާރުތަކަށް ދަތުރު ހޯދައި ދެ އެވެ.
ޓެކްސީލައިނެއްގެ ގޮތުގައި މެދުނުކެނޑި ފުވައްމުލަކުގައި ދެމެހެއްޓެމުން އަންނަ ނަމަކީ ހޯލި ޓެކްސީގެ ނަމެވެ. މި ބްރޭންޑަށް މިހާރު 27 އަހަރުވީ އެވެ.
އަލީގެ ޚިދުމަތް އިތުރު ހަރުފަތަކަށް ކުރިޔަށް ޖައްސައި، ރަށަށް ޒިޔާރާތްކުރާ އިންޓަނޭޝަނަލް އަދި ލޯކަލް ފަތުރުވެރިންނަށް ކާރާއި ސައިކަލު ކުއްޔަށް ދިނުމުގެ ޚިދުމަތް ވެސް މިހާރު ވަނީ ފަށައިފަ އެވެ. ރަށަށް ޒިޔާރަތް ކުރާ ބޭރުގެ ފަތުރުވެރިން އަމިއްލައަށް ދުއްވުމަށް ސައިކަލު ކުއްޔަށް ނެގުމަކީ މިހާރު އާއްމު ކަމެކެވެ.
މީގެ އިތުރުން އަމިއްލަ ގޭގައި އެޕާޓްމެންޓެއް ހަދައި ކުއްޔަށް ދޭގޮތަށް ވަނީ އިންތިޒާމުކޮށްފަ އެވެ.
ހޯލި އަލީގެ ފޯން ނަންބަރު 9118860 އަކީ މިހާރު ވެސް ހަފުތާއަކު 7 ދުވަހު ދުވާލަކު 24 ގަޑިއިރުގެ ޚިދުމަތް ލިބޭނެ ނަންބަރެކެވެ. ޓެކްސީއެއް ހޯދަންވިޔަސް، ކާރެއް، ސައިކަލެއް ކުއްޔަށް ނަގަންވިޔަސް، އަދި ރަށަށް ޒިޔާރަތް ކުރާ ފަރާތެއް އެޕާޓްމެންޓެއް ކުއްޔަށް ނަގަންވިޔަސް މި ނަންބަރުން ޚިދުމަތް ލިބޭނެ އެވެ.
ހޯލިއަކީ ހިދުމަތް ދިނުމުގައި ރައްޓެހި އެންމެންގެ ވެސް އެކުވެރިއެކެވެ. އޭނާގެ ދަތުރުގެ ކާމިޔާބީގެ އަސްލަކީ އެއީ އެވެ.
މި ލިޔުމަށް އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓު ލިޔުއްވާ!