ބިއްދަރިގޭ ކަލޯ ނުވަތަ ކިނާރީގެ އަހުމަދު ހުސެއިން
އަހުމަދު ސައީދު📷
ފުވައްމުލަކުގައި ބަނދަރެއް ނެތް ޒަމާނުގައި ރަށަށް ގެންނަ މުދާ އަރުވާ ބޭލުމަކީ ކިހާ ބުރަ އަދި ކިހާ އުނދަގޫ ކަމެއް ކަން ގިނަ ބަޔަކު އަދިވެސް ހަނދާން ހުންނާނެ އެވެ. ބޮއްކުރައެއްގައި ތިން ހަތަރު މީހުން ގޮވައިގެން ކިތަންމެ ވިއްސާރަޔަސް، ކަނޑުގަދަ ވިޔަސް، އަވިދިނަސް މުދާ އަރުވާ ބޭލުމުގެ މަސައްކަތް މެދުނުކެނޑި ކުރުމަކީ ބުރަ މަސައްކަތެކެވެ.
އޭރު އެ ޒަމާނުގައި މިރަށުގައި އެ މަސައްކަތް ކުރީ އެއް އަތުން ގުނާ ލެވޭހާ މަދު ބައެކެވެ. އޭގެ ތެރެއިން ބިއްދަރިގޭ ކަލޯ ނުވަތަ ކިނާރީގެ، އަހުމަދު ހުސެއިން އަކީ ނަމޫނާ މީހެކެވެ.
މި ރަށުގައި ބަނދަރެއް ނެތް އިރު ގެނައި ގިނަ ބަރު ވެހިކަލްތަކާއި މުދަލެއް ބޭލީ ބިއްދަރިގޭ ކަލޯ އިސްވެ ހުރެގެންނެވެ. ރަސްމީ ހައިސިއްޔަތެއް ނެތަސް އޭރު އޭނާއަކީ މުޅި ބަނދަރުގެ ވެރިޔާ އެވެ.
ރަށުން ބޭރު ކުރާހާ މުދަލެއް ބޯޓް ފަހަރަށް ބަރުކުރަނީ ވެސް އޭނާ އާއި ޓީމުގައި ހިމެނޭ މީހުންގެ ކޮނޑުތަކުން އުފުލައިގެންނެވެ. ރަށަށް އެތެރެ ކުރާހާ މުދަލެއް ރަށަށް އަރުވަނީ ވެސް ހަމަ އެ މީހުންގެ ކޮނޑުތަކުގެ މަތީގައި އުފުލައިގެންނެވެ. އެއީ ފުވައްމުލަކަށް ދަތުރުފަތުރު ކުރުމުގައި އެންމެ ނުރައްކާތެރި ދުވަސްވަރު މީހުންނާއި މުދާ ރައްކާތެރި ކޮށްދިނުމަށް ބޮޑެތި ގުރުބާނީތަކެއް ވެފައިވާ ބައެކެވެ.
ފުވައްމުލަކުގައި ޚިދުމަތެއް ދިން ބައެއްގެ ވާހަކަ ދައްކާނަމަ ފުވައްމުލަކަށް މުދާ ބޭލުމާއި ބޯޓްފަހަރަށް މުދާ ބަރުކޮށްދިން މީހުންގެ ވާހަކަ ނުދައްކާ ދެން އެހެން ވާހަކައެއް ނުދެއްކޭނެ އެވެ. ރަށަށް ފައިބާ މީހުންނާއި ރަށުން ފުރާ މީހުން، އެއްގަމާ ބޯޓާ ދެމެދު ސަލާމަތުން އުފުލައި ދިނީ އެ މީހުންނެވެ.
ކިނާރީގެ ކަލޯއަކީ މި ބޮޑު މަސައްކަތުގެ އިސް އާރުކާޓީ އެވެ. މުޅި ރަށުގެ އެންމެން ދަންނަ ނަމެކެވެ. އޭނާގެ ޓީމުގައި ޖާނު ވަރުގަދަ ހައެއްކަ ފަހުލަވާނުންގެ ޓީމެއް އަބަދުވެސް މި މަސައްކަތުގައި ތައްޔާރަށް އޮވެ އެވެ. މި ޓީމުގެ ވެސް އެންމެ ނަން ހިނގާ ފަހުލަވާނުންނަކީ ހުޅިޔަގެވަލި ސައުދު، ރަތުލޯގެ އަބްދުﷲ، ބާރޫޒުގެ އަހައްމާދީ އަދި ގާކެނޑިގޭ މުހައްމަދު އެވެ.
މުދާ ބޭލުމާއި އެރުވުމުގައި ކަލޯމެނަށް ނުރާއްކާތެރި އެތައް ހާދިސާއެއް ކުރިމަތިވި އެވެ. ބިރުވެރި އެތައް ކަމެއް ދިމާވި އެވެ. މީހުންނާއި އަދި މުދަލާއެކު ދޯނި ނުވަތަ ބޮއްކުރާ ބަންޑުންވެ، މީހުންނާއި މުދާ ކަނޑުވި އެތައް ދުވަހަކާ ކުރިމަތިވި އެވެ. މި ފަދަ ހާދިސާތަކުން ބޮޑެތި ގެއްލުންތައް ލިބިފައި އެބަހުއްޓެވެ.
މުދާ ބާލަނިކޮށް ދޯނި ބަންޑުންވި ހާދިސާއަކާ ގުޅިގެން ބަދަލު ހޯދުމަށް ކަލޯ ގޮވައިގެން ޝަރީއަތަށް ދިޔައީ އޭނާގެ މި މަސައްކަތުގެ ހަޔާތުގައި އެންމެ މީހެކެވެ. މިއީ ވެސް ކަލޯއަށް ތަޖުރިބާކުރަން ޖެހުނު ކަމެކެވެ.
ދެން އޮތީ ފުވައްމުލަކަށް ވަޑައިގަންނަވާ ދަޢުލަތުގެ އިސްވެރިންގެ ވާހަކަ އެވެ. މި ބޭބޭފުޅުންގެ ތެރެއިން އޭރުގެ ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުގެ ވަޒީރުން ފައިބާވަޑައިގަތުމާއި ފުރާވަޑައިގެންނެވުމަށް ދޯނިކޮޅު ތައްޔާރުކުރުމަކީ ވަރަށް ހާއްސަ ކަމެކެވެ. މިކަމުގައި ވެސް ދޯނިކޮޅު ތައްޔާރުކުރުމަށް ދާންދެން އެ މަސައްކަތުގެ ހުރިހާ ކަމެއް ހިންގުމުގެ އޯޑަރު އަތޮޅު އޮފީހުގެ ފަރާތުން ދޭނީ ކިނާރީގެ ކަލޯ އަށެވެ.
ކިނާރީގެ ކަލޯ އާއި އޭނާގެ ހިތްވަރުގަދަ ޓީމުން އެ ޒަމާނުގައި ކުރި މަސައްކަތް އެގޮތުގައި ކުރާކަށް މިހާރު ނުޖެހެ އެވެ. އެ މަސައްކަތް ވުޖޫދުން ވެސް ފޮހޮވި ނިމިއްޖެ އެވެ. ނަމަވެސް އެ މަސައްކަތް ކުރި މީހުންނަކީ ފުވައްމުލަކުގެ ތާރީހުގެ ބަތަލުން ފަދަ ބައެކެވެ.
ތިޔަ ފަދަ ޚިދުމަތްތެރިންގެ އަގު، އަތޮޅު ފެންވަރުގައި ނަމަވެސް ވަޒަންކުރަން ޖެހޭ.