ނިއުމޯނިއާ ވެކްސިން އާއި ރޯޓާ ވައިރަސް ވެކްސިން ފުވައްމުލަކު ހޮސްޕިޓަލުން ޖަހައި ދޭން ފަށައިފި އެވެ.
ނިއުމޯކޮކަލް އަކީ ނިއުމޯނިޔާ އަދި މެނިންޖައިޓިސް އިން ރައްކާތެރިވާން ޖަހާ ވެކްސިނެވެ. ރޮޓާވައިރަސް އަކީ ބޭރަށް ހިންގުމާއި ގިނައިން ހޮނޑުލުން ފަދަ ކަންކަމުން ދުރުވުމަށް ދޭ ވެކްސިނެވެ.
އެ ވެކްސިންތައް ދޭނީ އުމުރުން ދެ މަހާއި ހަތަރު މަސް އަދި ހަ މަހުގެ ކުދިންނަށެވެ.
ފުވައްމުލަކު ހޮސްޕިޓަލުން މިއަދު ބުނީ ރާއްޖޭގެ ގައުމީ ވެކްސިން ތާވަލަށް އަލަށް ތައާރަފް ކުރި ނިއުމޯނިއާ ވެކްސިނާއި ރޯޓާ ވައިރަސް ވެކްސިން މިއަދުން ފެށިގެން އެ ހޮސްޕިޓަލުން ޖަހަމުން ގެންދާނެ ކަމަށެވެ.
"ވީމާ މިއަދުން ފެށިގެން ދެ މަސް ފުރެމުންދާ ކުދިންނަށް ވެކްސިން ތާވަލާއި އެއްގޮތަށް މި ދެ ވެކްސިންވެސް ހިލޭ ޖެހޭނެ ވާހަކަ ދަންނަވަން،" ފުވައްމުލަކު ހޮސްޕިޓަލުން ބުންޏެވެ.
މި ވެކްސިން ޖެހުމާ ބެހޭއިތުރު މައުލޫމާތު އެ ހޮސްޕިޓަލުގެ ޕަބްލިކް ހެލްތް ޔުނިޓުގެ ނަންބަރު 6862069 އަށް ރަސްމީ ގަޑީގައި ގުޅުމުން ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.
ނިއުމޯކޮކަލް އަދި ރޮޓާވައިރަސް އަކީ މީގެ ކުރިން އޮޕްޝަނަލް ދެ ވެކްސިނެވެ. ނަމަވެސް، ގައުމީ ޝެޑިއުލްގައި ހިމެނުމުން އެ ވެކްސިންތައް ހިލޭ ލިބޭނެ އެވެ.
މަޖުބޫރު ވެކްސިންތަކުގެ ތެރޭގައި މީގެ ކުރިން ދެމުން ދިޔައީ އެމްއެމްއާރު، ޕޯލިއޯ، ހެޕިޓައިޓިސް، ޓެޓްނަސް ފަދަ ވެކްސިންތަކެވެ.
މި ލިޔުމަށް އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓު ލިޔުއްވާ!