އިންޖީނުގޭގެ ފޯމަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން މުޅި ފުވައްމުލަކުން ކަރަންޓު ކެނޑުމަށްފަހު ގަޑިއެއްހާއިރު ފަހުން އަލުން ކަރަންޓު ދީފި އެވެ.
އިންޖީނުގޭގައި ފޯމަރަކަށް ދިމާވި މައްސަލައާ ގުޅިގެން މުޅި ރަށުން ކަރަންޓު ކެނޑުނީ 2:15 ހާއިރު އެވެ. އަދި އަލުން މުޅި ރަށަށް ކަރަންޓު ދީ ނިމުނީ 3:30 ހާއިރު އެވެ.
ފެނަކަ ފުވައްމުލަކު ބްރާންޗްގެ ވައިބާ ގްރޫޕްގައި ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މުޅި ރަށުން ކަރަންޓް ކެނޑުނު ކަމަށެވެ. އަދި މައްސަލަ ހައްލުކޮށް ކަރަންޓް ދިނުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށް ބުނެފައިވެ އެވެ.
ޖަނެރޭޓަރުތަކަށް މައްސަލަތައް ދިމާވެ ފުވައްމުލަކުން ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑުމަކީ އާންމު ކަމެކެވެ.
މިގޮތުން މިދިޔަ އޮކްޓޯބަރު މަހުގެ ހަވަނަ ދުވަހު ވެސް މެއިން ޓްރާންސްފޯމަރު އޮފުވުމުގެ ސަބަބުން މުޅި ރަށުން ތިން ގަޑިއިރަށް ކަރަންޓު ކެނޑުނެވެ.
ދާދި ފަހުން މި ރަށުގެ ފެން ޕްލާންޓަށް މައްސަލަ ދިމާވެގެން ހަފުތާއެއްހާ ދުވަހު މުޅި ރަށުން ފެނުގެ ހިދުމަތް ވެސް މެދުކެނޑިފައިވެ އެވެ.
މި ލިޔުމަށް އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓު ލިޔުއްވާ!