އަޅުގަނޑުގެ ހަޔާތުގައި މަސްވެރިކަމުގެ ތެރޭގައި އުޅެވެން ފެށީ ގާތްގަނޑަކަށް އުމުރުން ނުވަ ވަރަކަށް އަހަރުން ފެށިގެންނެވެ. މަސްވެރިކަމުގެ ތެރެއަށް އެންމެ ފުރަތަމަ ވަދެވުނީ އަޅުގަނޑުގެ ލޯބިވާ ބޮޑުބޭބެ ޏ. ފުވައްމުލަކު އާބާދުގެ އަލްމަރްހޫމް އަބްދުﷲ ރަފީގްގެ ފަރާތުންނެވެ. އަޅުގަނޑަކީ އޭރު ބޮއްކުރާ ފަހަރު ކަހަލަ ކަނޑު އުޅަނދުތަކުގައި ކަނޑުމައްޗަށް ނިކުމެ މާގިނަ އިރު ކަނޑުމަތީގައި އުޅެވޭ މީހެއް ނޫނެވެ. އެއީ ބޯއަނބުރަން ފަށައި ހޮޑުލެވޭތީ އެވެ.
މިރަށު ދަނޑިމަގު ނެރުން ބޮޑުބޭބެގެ މަޝްހޫރު "ހޯޕް" ބޮއްކުރާއިން މަހަށް ނިކުމެ މާގިނައިރުތަކެއް ނުވެ ދެން ނުހުރެވޭނެ އޭ ބޭބެ ކައިރި ބުނުމުން ބޮއްކުރާ ކައިރި ކުރާނީ ރަށުގެ ފުއްޓަރުގެ ކޮޅާއި ކަނޑާ ގުޅޭ ހިސާބު ބޭރަށް، ރާޅު ބިންދާލާ ހިސާބުގެ ކުޑަ ތަންކޮޅެއް ބޭރަށެވެ.
ބޮޑުބޭބެ އަޅުގަނޑުމެން މަހަށް ގެންދާނީ ވެސް ކަނޑު އެހާ ގަދަ ދުވަސްތަކަކު ނޫނެވެ. އެހެން ނަމަވެސް ހޮޑުލެވޭ ގޮތް ވެފައި ތިބޭ ކުދިން ރަށަށް އަރަން ޖެހޭނީ ފަތާފަ އެވެ. އަދި ޝަކުވާކުރި ކުދިން ކަނޑަށް ފުންމާލައި ރަށަށް އެރުމަށްޓަކައި ބޮއްކުރާ ވަކި ހިސާބަކަށް ދާނެ އެވެ.
ބޮއްކުރާ މަޑުކުރާ ހިސާބު އޮންނާނީ ފުއްޓަރުގެ ކޮޅާއި 100 ވަރަކަށް ފޫޓު ކައިރި އަށެވެ. އެ ތަނުގައި ބޮއްކުރާ އޮންނައިރު ވަރަށް ރީއްޗަށް ރަށާ ކައިރިން ބާނިތައް ނަގާ ތަން ފެންނާނެ އެވެ. އަދި މި ބޮޑެތި ބާނިތައް ބޮއްކުރާގެ އަޑިން ގޮސް ރާޅަށް ބަދަލުވެ، ރަށުގެ ފަރުމައްޗަށް ބިންދާލާ މަންޒަރު ވެސް ފެންނާނެ އެވެ. ފުވައްމުލަކަކީ ވަށައިގެން ރާޅު ނަގާ ރަށެކެވެ. ޚާއްސަކޮށް ނެރެގަނޑާ ދިމާލަކީ ބޮޑެތި ރާޅުތައް ނަގާ ސަރަހައްދެކެވެ.
ބޮޑު ބޭބެ ހުންނާނީ ބޮއްކުރާގައި ކޮޅަށް، ބޮލުގައި ކޯރިއެއް އަޅައިގެން ބޮއްކުރާގެ "ކަނދިގަނޑު" ގައި ހިފަހައްޓައިގެން ބޭރުން އަންނަ ބާނިތަކަށް ބަލާށެވެ. އެއީ ބިންދާލަން އަންނަ ރާޅުތައް މަޑުވެ އަޅުގަނޑުމެން ކަނޑަށް ފުންމާލާ ހިސާބަށް އަމާންކަން އަންނާނެ ވަގުތެއް ހޯދުމަށެވެ.
މި ވަގުތަށް ފުވައްމުލަކު ބަހުން ކިޔާނީ "ވަރޮދެރެފި" މިހެންނެވެ. އެއީ ބޭރުން ރަށާ ދިމާލަށް އަންނަން ބޮޑު ބާންޏެއް ނުވަތަ ރާޅެއް އެ ވަގުތަށް އަންނަން ނެތުމެވެ. އަދި ބިންދާލާ ރާޅުތަކުގެ ބިރުވެރިކަމުން ވެސް ސަލާމަތް ވެފައިވާ ވަގުތެކެވެ.
އެހެންކަމުން މި ހިސާބުގައި ރާޅު ނުނަގައި ހިމޭން ކަމުގައި އޮންނަ ވަގުތު ކޮޅެއް ލިބެ އެވެ. ރާޅު ނުނަގައި، މިނިޓެއް ނުވަތަ ދެ މިނިޓް ވަރު ޔަގީން ކަމާއެކު ލިބެ އެވެ. ބޮއްކުރާ މި ހިސާބަށް ފަލި ޖަހާފައި ދެވުމުން، ބޭބެގެ އޯޑަރު އަންނާނެ އެވެ.
"ފުންމާލަ. ފުންމާލަ." އަނބުރައިގެން ތިބި ކުދިން ފުންމާލަން ވީ އެވެ. އަދި އަނބުރައިގެން ތިބި ހުރިހާ ކުދިން ކަނޑަށް ފުންމާލާނެ އެވެ. މި އަމުރާއެކު އާންމުކޮށް މަދުވެގެން ތިނ ކުދިން ވަރު ކަނޑަށް ފުންމާލާނެ އެވެ. އަޅުގަނޑުމެން ފުންމާލުމާއެކު، ރާޅުން ސަލާމަތް ވުމަށް ބޮއްކުރާ އެތަނުން ދުރަށް ގޮސް މަޑުކޮށްލާނެ އެވެ. އަޅުގަނޑުމެން ފުންމާލުމަށް ފަހު ފަތައިގަންނާނީ ރަށުގެ ފަރުމައްޗާ ދިމާލަށެވެ. ބޮއްކުރާގައި ބޭބެ އާއި ބޭބެގެ ގާތް މަސްވެރިން އަޅުގަނޑުމެން ކުދިން ސަލާމަތުން ފަރުމައްޗާ ހަމައަށް ދެވޭތޯ ބަލަން ތިބޭނެ އެވެ.
ނެރެގަނޑަށް ފައިބާއިރު، އަޅުގަނޑުމެންގެ ކަނާތް ފަޅިއަށް ވާގޮތަށް ނެރުގެ ކޮޅުގައި މާކަނޑާ ދިމާލަށް ނިކުމެފަ ހުންނަ ދިގު ތަންގަނޑެއް ހުންނާނެ އެވެ. އަޅުގަނޑުމެން މިތަނަށް ކިޔާ އުޅެނީ "ދިގިފަރޮގަނޑެވެ." މިއީ ދިޔަވަރު ކުޑައިރު ފެނުން މައްޗަށް ފެންނާން ހުންނަ، މާ ކަނޑާ ދިމާލަށް ހުރަހަށް 30 ވަރަކަށް ފޫޓަށް ނިކުމެފައި ހުންނަ ތަން ގަނޑެކެވެ. ފަތާފައި އަންނަ ކުދިން ބަލާނީ ވީހާ ވެސް އަވަހަކަށް އެ ތަނުގެ ކޮޅަށް ގޮސް ފައި ޖައްސާލެވޭތޯ އެވެ. އޮއި އަދި ރާޅުތަކުގެ އަސަރު ހުންނަ ގޮތުން ބައެއް ފަހަރު ސީދާ އެ ފަރުގަނޑު އަތު ނުޖެހި ދެ އެވެ.
ފަތާފައި ގޮސް ފަރުގަނޑާ ހަމައަށް ދެވޭނީ ގާތްގަނޑަކަށް 10 ވަރަކަށް މިނެޓުންނެވެ. ފަރުމައްޗާ ކައިރިވާއިރު، ބައެއް ފަހަރު އޮންނަނީ ބޮއްކުރާގައި ބޭބެމެން ތިބެގެން ހެދި ހިސާބު "ވަރޮދެރެފި" ހަމަވެ، ބޭރުން ބިޔަ ބާނިތައް އުފެދި ބިންދާލާ ރާޅުތައް އަޅުގަނޑުމެންނާ ބައްދަލު ކުރަން ވެސް ޖެހިފަ އެވެ. ފަތާފައި އަންނަ ވަގުތު، ބޮއްކުރާގައި ތިބެ ލަފާކުރި ހާލަތު ބަދަލުވެ، ބިންދާލާ އެފަދަ ރާޅެއް އަންނަ ނަމަ އަޅުގަނޑުމެން ކުރާކަމަކީ ޕްރޮފެޝަނަލް ރާޅާ އެޅޭ މީހުން ވެސް ކަންކުރާ ގޮތަށް ރާޅުތަކުގެ އަޑިއަށް ފީނައިގަންނީ އެވެ. އަދި ރާޅުތަކުގެ ބާރު ދަށްވުމުން އަނެއްކާ ވެސް ފަރުމައްޗާ ދިމާލަށް ފަތައިގަންނަނީ އެވެ.
ބައެއް ފަހަރު މި ގޮތަށް އެތައް ރާޅެއްގެ އަޑިއަށް ފީނަން ޖެހެ އެވެ. މިގޮތަށް ކަނޑުގެ އޮޔާއި އަދި ރާޅުތަކުގެ ބާރާ ދެކޮޅަށް ފަތާފައި ނުވަތަ ފެނުގެ އަޑިއަށް ފީނަމުން ބޯމަތިން އަންނަ ރާޅުތަކުން ސަލާމަތްވުމަށް ފަހު، ދިގުފަރުގަނޑުގައި ފައި ނުޖެހިއްޖެނަމަ، ދެން އަޅުގަނޑުމެންނަށް ޖެހޭނީ ރަށުގެ ފަރުމަތީގެ ކޮޅުގައި އުފެދިފައި ހުންނަ ފުން ވަޅު (ފުވައްމުލަކު ބަހުން ހޯކާވަޑޮ) ތައް ހުރަސްކޮށް ރަށުގެ ފަރުމައްޗަށް ފަތާފައި އަރާށެވެ.
ކަނޑަށް ފުންމާލާ ކުދިންނަށް ރަށަށް އަރަން އެންމެ ފަސޭހަ ގޮތަކީ ދިޔަވަރު ކުޑަ ދުވަސްވަރު ކަނޑު މަޑުކޮށް އޮންނައިރު، ފަތާފައި ގޮސް ދިގު ފަރުގަނޑު ކޮޅަށް ފޭބުމަށް ފަހު އެއްގަމާ ދިމާލަށް ދުއްވައިގަތުމެވެ.
އެހެން ނަމަވެސް ދިޔަވަރު ކުޑައިރު ވެސް މިތަނުގައި ދެ ފޫޓެއްހާ ހިސާބަށް ލޮނުގަނޑު އޮންނާނެ އެވެ. އަދި ދުއްވާ ގަންނައިރު ބައެއް ދުވަސް ދުވަހު ފަހަތުން އަންނަ ރާޅުތަކުގެ ދަށުވެ ކުރަންޖެހޭ ހަނގުރާމަ ވެސް ވަކި ކުޑައެއް ނޫނެވެ. ބައެއް ފަހަރު ބިންދާލާ ރާޅުގެ ބާރަށް، ދުއްވައިގަންނަ ކުދިން ފަރުމައްޗަށް ގެންދެ އެވެ. އެއީ ވެސް ހިތްހަމަޖެހުމެކެވެ. އިތުރަށް ފަތަން ނުޖެހި، ފަރުމަތީގެ މެދަކާ ހިސާބަށް ނުވަތަ އެއަށް ވުރެ އެއްގަމަށް ދެވޭތީ އެވެ. ފަތާފައި މިހެން ދާއިރު ބައެއް ކުދިން ނެރުތެރެއަށް ވެސް ދެމިގަނެގެން ދާނެ އެވެ. ނެރު ތެރެއިން ފަތާފައި ދާނީ ނެރު ތެރޭގައި އޮއި ނެތް ނަމަ އެވެ.
މިއީ އަލަށް މަހަށް ދާން ބޭނުންވާ ކުދިންނަށް ލިބޭ ވަރުގަދަ ތަމްރީނެކެވެ. މި ގޮތަށް މަހަށް ގޮސް ބޮއްކުރާއިން ފުންމާލާ އެތައް ކުދިން ފަހުން ކުޅަދާނަ މަސްވެރިންނަށް ވެފައި އެބަތިއްބެވެ.
އަޅުގަނޑު ކިތަންމެ ބޯ އެނބުރިއަސް ގިނަ ގިނައިން މަހަށް ދާން ފެށުމުން ކަނޑުމައްޗަށް ހޭނެން ފެށި އެވެ. އަދި ފަހުން މަހަށް ގޮސް 150 ރާތާ ކަންވާރުގައި ރާއްޖެއިން ބާނާ އެންމެ ބޮޑެތި ކަންނެލި ބޮއްކުރާ ދޮށަށް ގެންނަ ބައެއް ދުވަސް ދުވަހު (ކަނޑު ގަދަ ދުވަސްތައް) ހޮޑު ލެވޭ ގޮތް ވިޔަސް، ހޮޑު ދުއްވާލުމަށް ފަހު ވެސް އެ ބޮޑެތި ކަންޏެލި ބޮއްކުރާ ތެރެއަށް އެތެރެ ކުރަމެވެ.
ބޮޑުބޭބެގެ ބޮއްކުރާގައި އަޅުގަނޑުމެން ވަރުބަލި ކަމެއް ނެތި ފަލި ޖަހަމުން ދާއިރު، ބޭބެމެން ދޫކޮށްފައި އޮންނަ ހިބަރު ވަދު ފަދަ ނަނުގައި ޖެހޭ ބޮޑެތި ހިބަރުތައް ފެނުން މައްޗަށް ފުންމައިގެންދާ ތަނާއި ބޮޑެތި ކަންނެލި ގަނެގެން އެ ކުރަން ޖެހޭ ބުރަ އަދި ބޮޑެތި މަސައްކަތް އަޅުގަނޑުމެންނަށް ކުޑަކޮށް ނަމަވެސް ވަނީ ތަޖުރިބާ ކުރެވިފަ އެވެ.
ބޮޑުބޭބެގެ ފަރާތުން އަޅުގަނޑުމެންނަށް އޭރު ދަސްވި މި ތަމްރީންތަކަކީ އަޅުގަނޑުމެން ރަނގަޅަށް ތަރުބިއްޔަތު ކުރުމަށާއި ތަފާތު މަސައްކަތްތައް ދަސްކޮށްދިނުމާއި މުޖުތަމައުގެ އެކުވެރިކަމާއި އެއްބައިވަންތަކަމަށް ބޭބެކުރި މަސައްކަތުގެ ބައެކެވެ.
މިފަދަ ކަންތައްތަކުން ދައްކުވައިދެނީ އަޅުގަނޑުމެންގެ ކާބަފައިން ވެސް ރެއާއި ދުވާލު އެތައް ގަނޑި އިރެއް ވަންދެން މާސިންގާ ދިވެހި ކަނޑުގައި ވަރުބަލިކަމެއް ނެތި ފަލި ޖަހާ، ބޮޑެތި ބިޔަ މަސްތައް ބޮއްކުރާ އާ ކައިރިކޮށް، ހަފޮޅުން އެތެރެކޮށްފައި ވަނީ ވަރަށް ކުޅަދާނަ ވެގެންނެވެ. މިއީ ދުލަކުން ނުވަތަ ގަލަމަކުން ބަޔާންކުރެވޭ ވަރަށް ވުރެ ފުރިހަމަ ދިރިއުޅުމެކެވެ. ހިކުމަތްތެރި އަދި ޖެހިލުން ކުޑަ ނަމޫނާ ބަޔަކު ދިރިއުޅުނު ޖަޒީރާ ރަށްތަކެކެވެ. ބާރާއި ހިތްވަރާއި ކެތްތެރިކަމުގެ ލާމަސީލު ނަމޫނާއެކެވެ.
މި ލިޔުމަށް އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓު ލިޔުއްވާ!