ފުވައްމުލަކު ތުނޑީ ސަރަހައްދުގައި ޓޫރިސްޓުންގެ ދެ މީހަކު ހިނގާފައި ދަނީ. ފޮޓޯ: ސީފްރޮމްދަސްކައި
📷އަބްދުﷲ ޖަމީލު
ފުވައްމުލަކު ތުނޑީ ސަރަހައްދުގައި ޓޫރިސްޓުންގެ ދެ މީހަކު ހިނގާފައި ދަނީ. ފޮޓޯ: ސީފްރޮމްދަސްކައި
އަބްދުﷲ ޖަމީލު📷
ޓޫރިޒަމަކީ ދިވެހިރާއްޖޭގެ އެންމެ މުހިންމު އެއް ސިނާއަތެވެ. ދިވެހިރާއްޖެއަކީ އަގު ބޮޑެތި ރިސޯޓްތައް ތިބޭ ނުވަތަ ރެއަކަށް އެތައް ހާސް ޑޮލަރެއް ދައްކައިގެން ޗުއްޓީ ހޭދަކޮށްލެވެން އޮންނަ މަންޒިލެއްގެ ގޮތުގައި އޮތުން މިހާރު ވަނީ ބަދަލުވެފަ އެވެ.
ދުނިޔޭގެ ޓޫރިޒަމުގެ ވާދަވެރިކަމުގެ ސަބަބުންނާއި ރާއްޖެއަންނަ ފަތުރުވެރިންނަށް އަގު ހެޔޮކޮށް ތިބެވޭނެ ގެސްޓް ހައުސްފަދަ ތަންތަން މިހާރު ވަނީ ގާއިމްކުރެވިފަ އެވެ. އެހެން ނަމަވެސް ޓޫރިޒަމްގައި ރާއްޖެ އާ ކުރިމަތިލާން ޖެހިފައި އޮތީ ވަރަށް ބޮޑު ގޮންޖެހުންތަކަކާ އެކެވެ.
ޓޫރިޒަމް ކުރިއަރުވާ، އިސްތިހާރުކޮށް ތަރައްގީ ކުރުމަށް ރާއްޖެއިން ކުރަންޖެހޭ ކަންތައްތައް ނުހަނު ގިނަގުނަ އެވެ. އަޅުގަނޑު މިއާޓިކަލްގައި ކުރުގޮތަކަށް މި ބަލާލާނީ އަޅުގަނޑުގެ އުފަން ރަށް ފުވައްމުލައް ދެމެހެއްޓެނެވި ގޮތެއްގައި ޓޫރިޒަމްގެ ދާއިރާއިން ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކެވެ.
ބަޔޯޑައިވާސިޓީގެ ޚަޒާނާއެއް
ފުވައްމުލަކަކީ ދިވެހިރާއްޖޭގެ އެންމެ ތަފާތު ރަށެވެ. ރަށުގެ ހިކިފަސް ތަންތަނާއި ޗަސް ބިންތަކުގެ ސިފަތަކަކީ ރަށަށް ލިބިގެންވާ ޚާއްސަ ސިފަތަކެކެވެ. މީގެ އިތުރުން ފުވައްމުލައް ވަށައިގެންވާ ކަނޑަކީ މަސް މަހާމެހީގެ އާދަޔާ ޚިލާފު ނާސަރީއެއް ނުވަތަ މަސް މަހާމެހި އާލާވާ ތަނެކެވެ. ކުދި މަސްތަކާއި، މުރަކަތަކާއި، އެންދެރި ގަސްތަކާއި، އެކި ކަހަލަ މަސް މަހާމެއްސައަށް ޚާއްސަ ގުދުރަތީ ބިޔަ ވެއްޓެކެވެ. އެހެންކަމުން މި އާދަޔާޚިލާފް ގުދުރަތީ މުއްސަނދިކަމުގެ ސަބަބުން ފުވައްމުލަކަކީ ކަނޑުގައި އުޅޭ ބައެއް ބޮޑެތި މަސްތަކުގެ ޚާއްސަ މަންޒިލަކަށް ވަނީ ވެފަ އެވެ. މިގޮތުން ޓައިގާ ޝާކަކީ ފުވައްމުލަކު ކަނޑައަށް ޚާއްސަ ނުވަތަ "ފުވައްމުލަކުގެ މަހަކަށް" މިހާރު ވަނީ ވެފަ އެވެ. ކަނޑުގައިވާ ދިރުންތަކާއި އެހެނިހެން މަސްތަކުގެ ސަބަބުން ފުވައްމުލަކަކީ ރާއްޖޭގެ ނިސްބަތުން އެންމެ ގިނައިން ޓޫރިސްޓުން އަންނަ މަންޒިލަކަށް ހަދަމާ ހިނގާށެވެ.
ރަނގަޅު ވިޝަނަކާއި ޕްލޭނެއް ތަންފީޒު ކުރަން ޖެހޭ
ދިވެހިރާއްޖޭ ޓޫރިޒަމް ވައިގައި ހިފައި، މަގުބޫލު މަންޒިލަކަށް ވީ ރާއްޖޭގެ ޓޫރިޒަމްގެ ވިޔަފާރީގައި ހަރަކާތްތެރިވި ވިޔަފާރިވެރިންނާއި، ސަރުކާރާއި އަދި ރާއްޖެއިން ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ބޭރުގެ އެކި ފަރާތްތަކުން ކުރި ވަރަށް ބޮޑު މަސައްކަތްތަކުންނެވެ. ނަމަވެސް ޓޫރިޒަމް ވަރުގަދަ މަންޒިލެއްގެ ގޮތުގައި އޮތް އިރުވެސް، ރާއްޖޭގެ ކަނޑުގެ ދިރުންތައް ހިމާޔަތް ކުރުމަށް އެއްވެސް އިރެއްގައި އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނެތެވެ. ހަމައެކަނި ބަލާފައި ވަނީ ފަޅުރަށްތައް ތަރައްގީކޮށް، ފަޅުތަކާއި ތަންތަން ހިއްކައިގެން ރާއްޖެއަށް ފަތުރުވެރިން ގެނެވޭތޯ އެވެ. މިކަމުގެ ނޭދެވޭ އަސަރު މިހާރު ރާއްޖެއިން ދަނީ ފެންނަމުންނެވެ.
ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ބޭނުމަކީ ރާއްޖޭގެ ކަނޑުގެ އަޑީގެ ރީތިކަން ދެކި އެތަނުގައި އުޅޭ މަސްމަހާ މެހި ބަލައިލުމަށެވެ. ގިނަ ފަޅު ރަށްތަކެއް ރިސޯޓްތަކުގެ ގޮތުގައި ތަރައްގީ ކުރެވިފައި ވާއިރު ރާއްޖެއަށް މިހާރު ދިމާވެފައި ވާ އެންމެ ބޮޑު އެއް މައްސަލައަކީ ޓޫރިޒަމްގެ ވާދަވެރި މާކެޓްތަކެވެ. އަދި ކަނޑުގެ ދިރުންތައް ހިމާޔަތްކުރަން އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނެތުމެވެ.
ސައުދީ އަރަބިއާ، ތައިލެންޑް، ދުބާއީ އަދި ފިލިޕިންސް ފަދަ ގައުމުތަކުގައި މިހާރު ހަދާފައި ހުންނަނީ ރާއްޖޭގެ ރިސޯޓްތަކުގެ ނަކަލުތަކެވެ. ނުވަތަ އެއަށް ވުރެ ވެސް މާ ފުރިހަމަކޮށް ހަދާފައި ހުންނަ ތަންތަނެވެ. ޓޫރިޒަމާ އެއްވަރަށް އެ ގައުމުތަކުގެ ކަނޑުގެ ދިރުންތަކާއި ތިމާވެށި ހިމާޔާތް ކުރުމަށް ވެސް ވަރަށް ބޮޑު ހޭދައެއްކޮށް މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.
ފުވައްމުލައް ވަށައިގެންވާ ކަނޑުގައި އެކި ވަތްތަރުގެ މިޔަރާއި މަސް މަހާމެހި އުޅޭއިރު، މިތަންތަނަކީ ނަންނަމުގައި ހިމާޔަތް ކުރެވިފައިވާ ތަންތަން ކަމުގައި ކަނޑައެޅުން ފިޔަވައި ތަންފީޒީ އިދާރާތަކުން ކުރާ ކަމެއް ނެތެވެ.
ކަންނެލި ބޯ ފަދަ މަހުގެ ވޭސްޓް ކަނޑަށް އެޅުމުން އެކި ވަތްތަރުގެ މިޔަރުތައް މިއަދު ޑައިވަރުން ކައިރިއަށް އައިސްދާނެ އެވެ. އެހެން ނަމަވެސް ކަނޑުގައި މި ސޮރުމެންގެ ލައިފް ސައިކަލް ނުވަތަ ފުޑްޗެއިން ފަދަ އެއްޗިއްސަށް އަސަރުކޮށް، ފަރުތަކަށް ލިބޭ ގެއްލުންތަކުންނާއި، ފަރުތަކާއި މަސްތަކަށް ޖެހޭ ބަލިތައް ދަނެ ނުގަނެވި އަޅާނުލައި ތިބޭ ނަމަ މި ނާޒުކު ނިޒާމަށް ނުވަތަ އިކޮސިސްޓަމަށް ވަރަށް ބޮޑު އަސަރުތަކެއް ކުރާނެ އެވެ.
ދުނިޔޭގައި ބަޔޯޑައިވާސިޓީގެ ގޮތުން އެންމެ މުއްސަނދި ކޮސްޓަރީކާ ފަދަ ގައުމުތަކުގައި މިހާރު ވެސް ކަނޑުގެ ދިރުންތައް ހިމާޔަތްކޮށް ރައްކާތެރި ކުރުމަށް ގައުމީ ފެންވަރުގައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރެވެ އެވެ. އެއީ ދެމެހެއްޓެނިވި ގޮތެއްގައި ޓޫރިޒަމް ބޭއްވުމަށެވެ. އަދި އަންނަން އޮތް ޖީލުތަކަށް ރައްކާތެރި ކަމާއެކު އެ ގައުމު ބޭއްވުމުގެ މަތިވެރި ބޭނުމުގަ އެވެ. އެހެންކަމުން ފުވައްމުލަކަށް އެންމެ މުހިންމީ މިފަދަ މަސައްކަތްތައް ކުރަން ފެށުމެވެ. މި ކަމުގައި ސަރުކާރުގެ އެއްވެސް އިނީޝިއޭޓިވްއެއް އަދި ނެތެވެ. އެހެންކަމުން ފުވައްމުލައް ހިމެނޭހެން މުޅި ރާއްޖޭގައި މިފަދަ މަސައްކަތްތަކެއް ފެށޭތޯ ބަލަން ޖެހެ އެވެ.
ޑައިވިން ފިޔަވައި އިތުރު ކަންތައްތައް ކުރުން
ޓޫރިޒަމް ކުރިއެރުވުމަށް ޑައިވިން ފިޔަވައި ރަށުގައި ކުރާނީ ކޮން ކަންތައްތަކެއްތޯ ބަލައި އެ ކަންތައްތައް ތަންފީޒު ކުރަންޖެހެ އެވެ. ރަށުގެ ޗަސް ބިންތައް ނުވަތަ ކުޅިތައް ހިމެނޭ ސަރަހައްދުގައި ޓޫރިޒަމަށްޓަކައި ކުރެވިދާނެ ކަންތައްތައް އެބަހުއްޓެވެ.
ސްޕޯޓްސް ފިޝިން ރަނގަޅަށް ތައާރަފްކޮށް އެކަން ވެސް ފުޅާކުރެވިދާނެ އެވެ. ފަތުރުވެރިން ހަމައެކަނި އަންނަނީ ޑައިވް ކުރާކަށް ނޫނެވެ. އިރުއޮއްސޭ މަންޒަރާއި، ރީތި މޫދާއި، ދޮންވެލި ތުނޑިތަކާއި އަތިރިމަތީގެ ހިތްގައިމުކަމަކީ ވެސް ފަތުރުވެރިކަމުގެ ބައެކެވެ.
ރާއްޖެއިން ބޭރުން އެކި ބައްރުތަކުން ބޮޑު ހޭދައެއްކޮށް ރާއްޖެ އަންނަ ޓޫރިސްޓުން، މާލެ އައުމަށް ފަހު ރަށަށް ދާން ޖެހޭ ފްލައިޓް ޓިކެޓްގެ އަގު ބޮޑު ވާހަކައަކީ އަބަދުވެސް ގެސްޓް ހައުސް ހިންގާ ފަރާތްތަކުން ނުވަތަ ޓޫރިޒަމްގެ ވިޔަފާރީގައި އުޅޭ ފަރާތްތަކުން ދައްކާ ވާހަކަ އެކެވެ.
މީގެ އިތުރުން ސަފާރީތަކުން ފީ ނެގުން ފަދަ ކަންތައްތަކުގައި ރަނގަޅު މިންގަނޑުތަކެއް ގެންގުޅުމާއި، ޓޫރިސްޓުންގެ ރައްކާތެރިކަމާއި ހިމާޔަތަށް ވެސް މަސައްކަތްތަކެއް ކުރަން ޖެހެ އެވެ. މި ކަންތައްތައް ރަނގަޅުކޮށް ނުވަތަ އިތުރު ކަންތައްތައް ތައާރަފު ކުރާއިރު އިސްލާމްދީނާއި ރާއްޖޭގެ ގާނޫނުތައް ހުއްދަކުރާ ގޮތުގެ މަތިން އެކަންތައްތައް ތަރުތީބުކުރެވި ތަންފީޒު ކުރެވެން ވާނެ އެވެ.
ވާދަވެރި މާކެޓްތަކާ އެއް ހަމައެއްގައި ހިފަހައްޓަން ޖެހޭ
ޓޫރިޒަމް އިސްތިހާރުކުރުމާއި މާކެޓްކުރުމާއި މެހެމާންދާރީ އަދާކުރުމުގައި އެއްބައެއްވަންތަ ބަޔަކަށް ވާން ޖެހެ އެވެ. ދުނިޔޭގެ ޓޫރިޒަމްގައި ރާއްޖެ މިހާރު ދަތުރުކުރަމުން ދަނީ ވަރަށް ގަދަ ކަނޑެއްގަ އެވެ. ރަށަށް އަންނަ ޓޫރިސްޓުންނަކީ ވަކި ގެސްޓް ހައުސްއަކަށް ނުވަތަ ވަކި ޑައިވް ސެންޓަރަކަށް އަންނަ ބައެއް ކަމަށް ނުދެކި އެއީ ރަށުގެ ރީތިކަން ނުވަތަ ޓައިގާ ޝާކް ބަލަން އަންނަ ބައެއްގެ ގޮތުގައި ހިތުގެ އަޑިން ބަލައިގަންނަންވާނެ އެވެ.
މި ޑިޖިޓަލް ދުނިޔޭގައި ފުވައްމުލަކު ތުނޑީގައި ހުރެ އެފްރިކާ ބައްރުގެ ފަރުބަދަ މަތީގައި ދިރިއުޅޭ މީހަކު ތުނޑި ބަލާލުމަށް ރަށަށް ގެނައުމަކީ ކުރަން ނުހަނު ފަސޭހަ ކަމެކެވެ. ބޭނުން ވާނީ އިންޓަނެޓާއި ފޯނެއް ނުވަތަ ކޮމްޕިއުޓަރެއް ފަދަ ވަސީލަތެކެވެ.
ޓޫރިޒަމް އިސްތިހާރުކުރުމަށް ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހުއްޓުމެއް ނެތި މަސައްކަތް ކުރަންވާނެ އެވެ. ލިޔުންތައް ހިމަނައިގެންނާއި، ފޮޓޯއާއި ވީޑިއޯ އާއި ޒަމާނީ އެންމެހެއި ވަސީލަތްތައް ބޭނުންކޮށްގެން ކޮލިޓީ ކޮންޓެންޓް އުފައްދަންޖެހެ އެވެ.
ޓޫރިޒަމަކީ ވަރަށް ނާޒުކު ސިނާއަތެކެވެ. މިކަމުގައި ހިކުމަތްތެރިކަމާއި ވިސްނުމުގެ ބޭނުން ހިފައި އެންމެން އެކީގައި ކުރިއަށް ދާން ޖެހެ އެވެ. އަޅުގަނޑުމެން ނަމޫނާއަކަށް ނަގަންވީ ކޮސްޓަރީކާ ފަދަ ގައުމުތަކުން އެ ގައުމުގެ ބަޔޯޑައިވާސިޓީ ހިމާޔަތް ކުރުމަށް ކުރާ މަސައްކަތްތަކެވެ.
ކޮސްޓަރިކާއަކީ ބަޔޯޑައިވާސިޓީ އިކޯ ޓޫރިޒަމާއި ތިމާވެށި ހިމާޔަތްކުރުމުގައި ދުނިޔޭގެ ލީޑަރެވެ. ދުނިޔޭގައިވާ ދިރުންތަކުގެ ހަ ޕަސެންޓް ވަނީ ކޮސްޓަރިކާގަ އެވެ. މި ސިނާއަތް ކުރިއަރުވައި ދެމެހެއްޓޭނީ މި ސިނާއަތް ބިނާވެފައި ވާ ވެށި ހިމާޔަތްކުރެވި ބަދަލުވަމުންދާ ދުނިޔޭގައި އަޅުގަނޑުމެންނާ ކުރިމަތިލާން ޖެހިފައިވާ މާކެޓްތަކާ ވާދަ ކުރެވޭނެ ވަރަށް އަޅުގަނޑުމެންގެ ވެސް ޚިދުމަތްތަކާއި އިންފްރާސްޓްރަކްޗާ ވެސް ގާއިމްކުރެވިގެންނެވެ.
މި ލިޔުމަށް އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓު ލިޔުއްވާ!