ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ ތެރެއިން ޓޫރިޒަމް ކުރިއަރަމުން އަންނަ ފުވައްމުލަކަށް މިހާރު ފަތުރުވެރިން ޒިޔާރަތް ކުރަނީ ރަށް ކައިރިއަށް ޑައިވިންކޮށް، ފެމުނު މިޔަރު ފަދަ މަސް މަހާމެހި ބެލުމަށެވެ. ޓޫރިޒަމްގެ ދުވެލި ހުރި ގޮތުން ފުވައްމުލަކުގައި "ބިކިނީ ބީޗެއް" ނުވަތަ ބީޗަކަށް ޚާއްސަ ސަރައްދެއް ކަނޑައަޅަން ޖެހޭ ކަމަށް އެއްބަޔަކު ގަބޫލު ކުރާއިރު އަނެއް ބަޔަކު އެ ކަމާ ދެކޮޅެވެ.
އަޅުގަނޑު މި އާޓިކަލްގައި މި ލިޔަނީ އަޅުގަނޑު ދެކޭ ގޮތެވެ. ރާއްޖެއަށް ޓުއަރިޒަމް ތައާރަފްވެ ދުނިޔޭގެ މަގުބޫލު މަންޒިލަކަށް ދިވެހިރާއްޖެ ވެގެން ދިޔައިރު މިގައުމުގެ އެކި ސަރުކާރުތަކުން ނުވަތަ އެކި ރައީސުން ނުކުރައްވާ ދޫކޮށްލައްވާފައިވާ ކަންތައްތަކެއް އެބަހުއްޓެވެ. އެއީ ރާއްޖޭގެ ގުދުރަތީ ރީތިކަން ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި އެކަށީގެންވާ ސިޔާސަތުތަކެއް އެކުލަވާލާފައި ނެތް ތަނުގައި ދެމެހެއްޓެނިވި ގޮތެއްގައި ދުރާލާ ރާވައިގެން މަސައްކަތްތަކެއް ކުރެވިފައި ނެތުމެވެ. މިކަމުގެ ކުޑަ މިސާލެއް ލިޔެލާނަމެވެ.
ފިނޮޅުތަކާއި ތިލަތަކާއި ފަޅުތައް ހިއްކުމުގައި "ނަމެއްގައި" އީއައިއޭ ހެދުމަށް ފަހު އެ ތަންތަނުގައި ޚާއްސަ ދިރުންތަކެއް ނުވަތަ ތިމާވެއްޓަށް ގެއްލުންވާނެ ކަންތައްތަކެއް ހުރި ނަމަވެސް ޖެހުނު ތަނެއް ހިއްކައި ޓޫރިޒަމަށް ނުވަތަ ސިނާއީ ކަންތައްތަކަށް ދޫކޮށްލަނީ އެވެ. ނަތީޖާއަކީ މަސް މަހާމެހި އާލާވާ ތަންތަން ވެސް ހަލާކުވުމެވެ.
ވެރިން ބޭނުންވީމާ ނުވަތަ ވަކި ބަޔަކު ބޭނުންވީމާ ހިމާޔަތްކޮށްފައި އޮންނަ ތަންތަން ވެސް ރިސޯޓް ހަދަން ވިޔަފާރިވެރިންނަށް ދެނީ އެވެ. އައިންމަތީ ދޫނިތައް މަދުވެ ކަނޑުގެ ދިރުންތަކަށް ގެއްލުންވެ، އަޅުގަނޑުމެންނަށް ލިބިފައިވާ ކަނޑުއަޑީގެ މުއްސަނދިކަން ނިކަމެތި ވެއްޖެ އެވެ. ގުދުރަތީ ރީތިކަން ލިބިފައިވާ މިފަދަ އެހެން ގައުމުތަކުގައި އެ ގައުމުތަކަށް ލިބިފައިވާ ގުދުރަތީ ރީތިކަމާއި ތިމާވެށި ހިމާޔަތް ކުރުމަށް ދުރާލައި ރޭވިގެން ގިނަ ކަންތައްތަކެއް ކުރެ އެވެ. ކޮސްޓަރީކާ އަކީ މި ފަދަ ނަމޫނާ ގައުމެކެވެ. ބަޔޯޑައިވާސިޓީގައި އެފަދަ ދެވަނައެއް ނެތް އެ ގައުމުގެ ވާހަކަ އަޅުގަނޑު ވާނީ މި ނޫހުގައި އެހެން އާޓިކަލެއްގައި ލިޔެފަ އެވެ.
ދެން އޮތީ ޓުއަރިޒަމް ތައާރަފު ވުމަށް ފަހު އިސްލާދީނާއި ޚިލާފް ނުވަތަ ދީނާ ފުށު އަރާ އަދި މުޖުތަމައުގެ އާންމު މިންގަނޑުތަކާ ޚިލާފަށް ހިނގާނެ ކަންތައްތަކާ މެދު ވެސް އެކަށީގެންވާ ގާނޫނުތަކާއި ގަވާއިދުތަކެއް މި ރާއްޖޭގައި ހެދިފައި ނެތް ވާހަކަ އެވެ. ނަތީޖާ ވަރަށް ގޯހެވެ. ކުޑަ ކުޑަ މިސާލެއް ނަގަމާ ހިނގާށެވެ.
ރާއްޖޭގައި ލޯކަލް ޓޫރިޒަމް ތައާރަފް ވެގެން އައިއިރު ރާއްޖޭގެ ރަށްތަކުގައި ޓޫރިޒަމްގެ އިންފްރާސްޓްރަކްޗާ ގާއިމް ކުރާނީ ކޮން ގޮތަކަށް ކަމެއް ބަލައި، ރަނގަޅު ޕްލޭންތަކެއް ރޭވިފައެއް ނެތެވެ. މާފުށީގައި ގެސްޓް ހައުސްތައް ހުރީ ހުންނާނެ ދިމާލެއްގަ އެވެ. ރަށުގެ ގުދުރަތީ ރީތިކަމާއި، ރަށުގެ އެކި ތަންތަނުން ހުސް ޖާގަ ދިނުމާއި އާބަން ޕްލޭނިންގެ އެއްވެސް ކަންފުޅެއް ނެތެވެ. ހުރީ ކޮންކްރީޓް ބިލްޑިންތަކެކެވެ އަދި ފަތުރުވެރިން ހިތުހުރި ހެދުމެއް ލައިގެން "ހަސަނު ގޯއްޗާއި" "އާދަނު ގޯތި" ކުރިމަތިން ނުވަތަ އެ ދެ ގޭ ދޭތެރޭގައި އޮންނަ ގޯޅިން ހިނގާފައި ދާއިރު، ކުޑަކުދިންނާއި މުސްކުޅިން އެ މީހުންނަށް ބަލަހައްޓައިގެން ތިބެ އެވެ.
ޓޫރިޒަމް ތައާރަފްވެފައި އޮތް ކޮންމެ ރަށެއްގައި އޮތީ މި ހާލަތެވެ. ޚާއްސަ ބީޗް ކަނޑައަޅާފައިވާ މަދު ރަށެއް ފިޔަވައި މި ފަދަ ގިނަ ބީޗްތައް ހުރި ރަށް ތަކުގައި ވެސް ދިވެހިންނަށް ފަތުރުވެރިންނާ އެކު އެ ތަންތަނަށް ފޭބެ އެވެ. ގަވާއިދާއި ގާނޫނުގެ ހުކޫމަތު ނުހިނގާ މި "މަސްހުނިގަނޑު"ގެ ސަބަބުން ދީނާ ޚިލާފް އަދި މުޖުތަމައުގެ އާންމު މިންގަނޑުން ބޭރު އެތައް ކަމެއް ދަނީ ހިނގަމުންނެވެ.
މިދެންނެވި ހަގީގަތްތައް މިހެން ހުރުމުން ހާމަވާ އެއް ކަމަކީ މި ރާއްޖޭގައި އޮތީ ޖެހުނު ގޮތަކަށް ޑޮލަރު ހޯދުން ކަމެވެ. ބީޗަކީ ޓޫރިޒަމްގެ ކޮމްޕޯނެންޓެކެވެ. އެހެން ނަމަވެސް ފަތުރުވެރިންނަށް ޚާއްސަ ބީޗްތައް ކަނޑައަޅާނަމަ އެތަނަކަށް އެއް ގޮތަކަށް ވެސް ދިވެއްސަކަށް ކައިރި ވެވިގެން ނުވާނެ އެވެ.
ސުވާލަކީ ޚާއްސަ ބީޗެއް ކަނޑައަޅައިގެން މުޖުތަމަށް ގެއްލުން ނުވާ ގޮތަށް އެކަން ކުރެވިދާނެ ތޯ އެވެ؟ މި ރާއްޖޭގައި މިކަމާ ގުޅޭ ގާނޫނުތަކާއި ގަވާއިދުތަކެއް ކޮންމެވެސް ވަރަކަށް ހެދިފައި ހުއްޓަސް އެ ކަންތައްތައް ތަންފީޒު ނުކުރެވެ އެވެ. އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރެވިފައި ވަނީ ނަމެއް ގަ އެވެ. މަގުމަތީގައި ބާރަށް ދުއްވާ މީހުންނާއި ބޮޑެތި ކުށްވެރިން ވެސް މިނިވަންކަމާއެކު އުޅޭ ގައުމެއްގައި ޚާއްސަ ބީޗެއް ހަދައިގެން އެކަމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާނެ ގެއްލުންތަކުން ސަލާމަތް ކުރުމަށް ކިތަންމެ ރަނގަޅު އަދި ހަރުކަށި ގަވާއިދުތަކެއް ތަންފީޒު ކުރިޔަސް އަދި އެއީ މި ގައުމުގައި ވާނެ ކަމެއް ނޫނެވެ.
ފުވައްމުލަކުގައި ފަތުރުވެރިންނަށް ވަކި ބީޗް ހެދުމާއި ދެކޮޅަށް ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރި ބައެއް އިލްމްވެރިންނާއި އަދި އެހެން ބައެއް ފަރާތްތަކުން ވެސް ބާރުއަޅަން ވީ ފުވައްމުލަކުގައި ވަކި ބީޗެއް ކަނޑައަޅައިގެން ކުރިމަތިވެދާނެ ގެއްލުމަކަށް އެކަންޏެއް ނޫނެވެ. ރާއްޖޭގެ ދީނަކީ އިސްލާމްދީނެވެ. އެހެންކަމުން ދީނާއި ގުޅުން ހުރި ކަންކަމުގައި ގާނޫނާއި ގަވާއިދުތައް ވަރަށް ރަނގަޅަށް މުޅި ރާއްޖޭގައި ތަންފީޒުކުރެވެން ޖެހޭނެ އެވެ. ފުވައްމުލަކުގައި ވަކި ބީޗެއް ކަނޑައެޅުމަށް ދެކޮޅަށް ވަކާލާތު ކުރާނަމަ، ރިބާ ހިމެނޭ ބޭންކިން ނިޒާމްތައް ބަދަލުކުރުމާއި ޓޫރިޒަމުގެ ސަބަބުން ދީނާ ޚިލާފަށް ރާއްޖޭގެ ރަށްތަކުގައި ހިނގާ ކަންތައްތަކުގެ ވާހަކަ ވެސް ދައްކަން ޖެހޭނެ އެވެ.
އިސްލާމީ ޝަރީއަތުގެ ހުކުމްތައް ގާއިމް ކުރުމަށް އަންގަވާފައި ވަނީ އެކަންތައްތައް ތަންފީޒު ކުރުމުން މުޖުތަމައަށް އެކަމުގެ ސަބަނުން ލިބޭނެ ފައިދާތަކުގެ ބޮޑު ކަމުންނެވެ. އިސްލާމީ ދައުލަތެއްގައި ދީނީ އުސޫލުތަކާއި ހަމަތަކާއި އަޚްލާގީ މިންގަނޑުތަކާއި އެކި ނަސްލުތަކާއި ދީންތަކުގެ މީހުން އެއް ތަނެއްގައި އުޅުނަސް އެ ތަނެއްގެ އިޖްތިމާއީ ފޭރާމާއި ސަލާމަތާއި ރައްކާތެރިކަން އަދި ހަމަޖެހުން ގާއިމްވެފައި އޮތުމުގެ މަތިވެރި މަގްސަދުގަ އެވެ.
ގަވާއިދުތައް ތަންފީޒު ކުރުމުގައި ދުނިޔޭގައި އެންމެ ފާހަގަކޮށްލެވޭ ގައުމުތައް ކަމަށްވާ ސިންގަޕޫރު އަދި ދުބާއީ ފަދަ ގައުމުތަކުގައި ވެސް ވަކި ކަމެއް ކުރުމުން ވަކި އަދަބެއް ދެވޭނެ ކަމަށް ލިޔެފައިވާ ނަމަ އެ ގައުމުތަކުން އެގޮތަށް ކަންކުރެ އެވެ. ވަކި ސަހައްދެއްގައި މިވެނި ކަމެއް ކުރެވޭނީ ވަކި ގަވާއިދެއްގެ ދަށުން ކަމާއި "ރަތް ރޮނގު" ހުރަސްކޮށްފިނަމަ އަދަބު ދެ އެވެ. ރާއްޖޭގައި ޓޫރިމްގެ ސަބަބުން މުޖުތަމައަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަ ކުރުމުގައި ހަރުދަނާ ރަނގަޅު ގަވާއިދުތަކެއް ކަނޑައަޅާފައި ނެތުމުން ޓޫރިޒަމާ ގުޅޭ ކަމެއް ކުރަން އުނދަގޫ ވާނެ އެވެ.
އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދީނާއި އަދި މުޖުތަމައުގެ އާންމު މިންގަނޑުތަކާ ގުޅުން ހުރި ކޮންމެ ކަމެއްގައި ޚާއްސަކޮށް ޓޫރިޒަމުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތައް ކުޑަ ކުރުމަށް ހަރުދަނާ ގަވާއިދުތަކެއް ހަދައި އެ ކަންތައްތައް ރާއްޖޭގެ ހުރިހާ ރަށެއްގައި އެއް ހަމައަކުން ތަންފީޒު ކުރެވެން ޖެހެ އެވެ.
ގެސްޓް ހައުސްތަކާއި ރެސްޓޯރެންޓްތަކާއި މަގުތަކާއި ބީޗްތައް ވެސް ފަތުރުވެރިންނަށް ކަނޑައަޅައި ގާއިމް ކުރެވިދާނެ އެވެ. އެހެން ނަމަވެސް މިފަދަ ކަންތައްތައް ކުރަންވާނީ ހަރުދަނާ ގަވާއިދުތަކާއި ގާނޫނުތައް ތަންފީޒު ކުރެވޭނެ ނަމަ އެވެ.
ރާއްޖޭގެ ބައެއް ރަށްރަށުގައި މި ފަދަ ބީޗްތައް ހުރި ނަމަވެސް މިކަންކަމާ ގުޅުން ހުރި ގާނޫނުތަކާއި ގަވާއިދުތަކެއް ރަނގަޅަށް ތަންފީޒެއް ނުކުރެވެ އެވެ. އަދި ކުށްވެރިންގެ ސުވަރުގެއަކަށް ވެފައިވާ މި ގައުމުގައި މި ފަދަ ބީޗްތައް ހަދައިގެން ކިތަންމެ ހަރުކަށި ގާނޫނަކާއި ގަވާއިދުތަކެއް ހަދައި އެ ތަންތަނުން މުޖުތަމައަށް ގެއްލުމާއި ހަލާކު ކުރުމަތި ނުވާނެ ކަމަށް ބަލައިގެން ތިބެވޭކަށް ނެތެވެ. އެހެން ކަމުން ފުވައްމުލަކުގައި މި ފަދަ ބީޗެއް ކަނޑައަޅައިގެން ވާނީ ކިހިނެއް ބާވަ އެވެ؟
މި ލިޔުމަށް އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓު ލިޔުއްވާ!