ފުވައްމުލަކަކީ ތަފާތު ރަށެކެވެ. ރާއްޖޭގެ ނިސްބަތުންނެވެ. ދުނިޔޭގެ ނިސްބަތުން ވެސް މެ އެވެ.
އައްޑޫ ކަނޑުގެ މެދުގައި، އަތޮޅަކާ ގުޅުމެއް ނެތި ވަކިން އުފެދިފައި އޮތުމުގެ ސަބަބުން ފުވައްމުލައް އޮންނަނީ ރާއްޖޭގެ އެހެން ރަށްތަކާ ޚިލާފަށް ވަރަށް އެކަނިވެރި ރަށެއްގެ ގޮތުގަ އެވެ. ނަތީޖާ އެއްގެ ގޮތުން ރަށުގެ މީހުންގެ ދިރި އުޅުމާއި ސަގާފަތް ވެސް އެހެން ހުރިހާ ރަށަކާ ތަފާތު ކަމަށް ފެނެ އެވެ.
އެންމެ ކުރިން
މާކަނޑުގެ މެދުގައި ވަކިން އޮތުމުގެ ސަބަބުން ރަށުގައި ބަނދަރެއް ކަމުގައި ބެލެވޭނެ ވަކި ޚާއްސަ ދިމައެއް ނެތެވެ. ރަށަށް ސަލާމަތުން ވަދެ ނިކުމެ ވެވޭ ފަދަ ނެރެއް ނެތެވެ. އެހެން ކަމުން ޖެހުނު ބޮޑު މުހުތާދެއްގެ ސަބަބުން ނޫނީ ފުވައްމުލަކަށް ބަޔަކު ނުދާނެއެވެ. ރަށަކީ ބިޔަ ރަށެކެވެ. ރަށުގެ ރައްޔިތުންނަށް ފުދި އިތުރު ވާ ވަރަށް ރަށުގައި ކާބޯ ތަކެތި ހެދެއެވެ. ބޭރުން ގެންނަން ޖެހޭ ބާވަތްތައް ގެންނަނީ އަހަރަކު އެއްފަހަރު ކުރާ ކޮޅުނބު ދަތުރުންނެވެ.
ފުވައްމުލަކު ބަސް
ފުވައްމުލައް ފިޔަވައި މުޅި ރާއްޖޭގައި ވެސް އެންމެ ރަށަކަށް ޚާއްސަ ވާ ވަކި ބަހެއް، ނުވަތަ ބަހުރުވައެއް ނޯންނާނެ އެވެ. އެންމެ ގާތުގައި އޮންނަ އައްޑު އަތޮޅާއި ތަންކޮޅެއް ދުރުގައި އޮންނަ ހުވަދޫ ގައި ވާހަކަ ދައްކާ ބަހުރުވައާއި ފުވައްމުލަކުގައި ދައްކާ ބަހުރުވަ ތަފާތެވެ. އެއީ މުލަކު ބަހެވެ.
ރަށުގެ ހިންގުން
ވަކިން އޮތް އެންމެ ރަށެއް ކަމުގައި ވިޔަސް ސިޔާސީ ގޮތުން ރަށް ހިމަނައިފައި އޮންނަނީ އަތޮޅެއްގެ ގޮތުގައެވެ. އެއީ ޏ. އަތޮޅެވެ. ޏ. އަތޮޅުގެ 8 އަވަށް އޮންނަނީ އިދާރީ ގޮތުން 8 ރަށުގެ ދަރަޖައިގަ އެވެ. އެއިން ކޮންމެ އަވަށެއްގައި ކަތީބަކު ހުށްޓެވެ. ކޮންމެ އަވަށެއްގައި އަވަށް ކުރިއަރުވާ ކޮމިޓީއެއް އޮވެފައި މުޅި ރަށަށް ނިސްބަތްވާ ރަށް ކުރިއަރުވާ ކޮމިޓީއެއް އޮވެ އެވެ. އެއީ ޕާޓީ ސިސްޓަމް ތައާރަފުވުމުގެ ކުރިން ކަންއޮތް ގޮތެވެ. އޭރު ކޮންމެ އަތޮޅަކުން ރައްޔިތުންގެ މަޖިލީހުގައި ދެ މެންބަރުން ތިއްބަވާއިރު ފުވައްމުލަކުން ވެސް ދެ މެންބަރުން ތިއްބަވަ އެވެ. އެންމެ ރަށަކަށް ނިސްބަތްވާ ދެ މެންބަރުންނެވެ. މިއީ ރާއްޖެ ތެރޭގެ އެހެން ރަށަކަށް ލިބުނު ފުރުސަތެއް ނޫނެވެ. މިއަދު އެއީ ފުވައްމުލައް ސިޓީ އެވެ.
ކައްޓެޅި
ކައްޓެޅިއަކީ މުޅި ރާއްޖެއިން ވެސް ހަމަ އެކަނި ފުވައްމުލަކުން ބޭނޭ މަހެކޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. އެކަން އެހެން ވާން ދިމާވާ ސަބަބަކީ ރަށަކީ ގުދުރަތީ އަތޮޅަކަށް ނުވުމެވެ. ކައްޓެޅިއަކީ ފަރު މަހެއް ނޫނެވެ. އެއީ މާ ކަނޑުގެ އަޑީގައި ދިރިއުޅޭ މަހެކެވެ. އޭގެ ކާނާއަކީ މާކަނޑާ ފަރާ ގުޅޭ ހިސާބުގެ އަޑީގައި އުޅޭ ބައެއް ކުދި މަސް މަހެވެ. އެހެންކަމުން ރާއްޖޭގެ ރަށްތަކުގެ ތެރެއިން ފުވައްމުލައް ނޫން އެހެން ރަށްރަށުން މި މަސް ބޭނޭ ހިސާބަށް ބޭރަށް ގޮސް، މަސް އުޅޭ ހިސާބު ފާހަގަކޮށް އެ މަސް ބޭނުން ވަރަށް އުނދަގޫ ކަމަކަށް ވާނެ އެވެ.
މިޔަރު
މިޔަރަކީ ކުރީ ޒަމާނުގައި ފުވައްމުލަކުގައި މަސްވެރިކަމުގެ ބައެކެވެ. ކުޑަ ބޮއްކުރައެއްގައި ނެރުން ނިކުމެ މިޔަރުގެ މަސްވެރިކަން ކުރެވޭނެ އެވެ. މިއަދު މިޔަރު ހިމެނިފައި ވަނީ ޓޫރިޒަމްގެ މައި ވަސީލަތް ކަމުގަ އެވެ. މާ ކަނޑުގެ މެދުގައި ރަށް އޮތުމުގެ ސަބަބުން ފުވައްމުލައް ހިމެނިފައި ވަނީ ތަފާތު ވައްތަރުގެ މިޔަރުތައް، ރަށު ކައިރިން އެންމެ ފަސޭހައިން ފެންނަ ރަށް ކަމުގަ އެވެ.
ފުވައްމުލަކުގެ ބަނދަރުން ނުކުމެ ފީނައިލުމުން ޓައިގަރު ޝާކުގެ ފީންޏަކަށް ވަދެވުނީ އެވެ. އެހެންކަމުން މިޔަރު ބަލަން ބޭނުންވާ ޓޫރިސްޓުންގެ މެދުގައި ފުވައްމުލައް އަންނަނީ މަގުބޫލު ވަމުންނެވެ.
ރާއްޖޭގެ އެހެން ރަށްތަކާ ޚިލާފަށް ގުދުރަތީ އަތޮޅަކާ ނުގުޅި ވަކިން އުފެދިފައި އޮތުމުގެ ސަބަބުން ފުވައްމުލައް ހިމެނެނީ ތަފާތު ޚާއްސަ ސިފަތަކެއް ލިބިފައިވާ ރަށެއްގެ ގޮތުގަ އެވެ.
ރަށުގެ އެތެރޭގެ މާހައުލާއި ކަނޑުފަޅުގެ މާހަލަކީ ވެސް ތަފާތު މާހައުލެކެވެ. ސަގާފަތާއި އާދަކާދައާއި ވާހަކަ ދައްކާ ބަހުރުވަ ވެސް ތަފާތެވެ. މި ތަފާތު، ޚާއްސަ ސިފަތަކާއެކު މިއަދު ފުވައްމުލަކަކީ ރާއްޖޭގެ ރައްޔިތުން ވެސް ޒިޔާރަތް ކުރަން އެންމެ ޝައުގުވެރިވާ އެއް މަންޒިލެވެ.
ދިވެހިންގެ އިތުރުން ދުނިޔޭގައި ފުވައްމުލައް އަންނަނީ ޓޫރިސްޓު ޑެސްޓިނޭޝަނެއްގެ ގޮތުގައި މަގުބޫލުކަން ހޯދަމުންނެވެ. ފުވައްމުލައް ހަމަ ތަފާތީ އެވެ.
އަފުންގެ ރަށޮ