ލަކުޑިން އަތިރިމަތީގައި ހަދާފައިވާ ހަޓެއް: ލަކުޑިއަކީ އަތިރިމަތީގައި ބޭނުންކުރަން މުހިންމު ބާވަތެއް.
📷ޔާސިރު ސޯލިހު
ލަކުޑިން އަތިރިމަތީގައި ހަދާފައިވާ ހަޓެއް: ލަކުޑިއަކީ އަތިރިމަތީގައި ބޭނުންކުރަން މުހިންމު ބާވަތެއް.
ޔާސިރު ސޯލިހު📷
އަޅުގަނޑުމެންގެ ރަށް ފުވައްމުލަކަކީ ގުދުރަތީ ވަރަށް ތަފާތު ތަންތަން ހުރި ބަޔޮސްފިއާ ރިޒާވެކެވެ. ރަށުގެ ވަށައިގެންވާ މާސިންގާ ކަނޑުގެ މަސް މަހާމެހީގެ ދިރުންތަކުގެ އިތުރަށް، އެއްގަމުގައިވާ ބޮޑު ދެކުޅި އާއި އެ ކުޅި ވަށައިގެންވާ ޗަސް ބިންތަކާއި އޮޅުތަކަކީ ގުދުރަތުގެ އެފަދަ ދެވަނަ އެއް ނެތް ހަދިޔާއެކެވެ. އެހެން ނަމަވެސް އަޅުގަނޑު ވަރަށް ކަންބޮޑުވާ މައްސަލައެއްގެ ވާހަކަ މިއާޓިކަލްގައި ވަރަށް ކުރުކޮށް ލިޔެލާނަމެވެ.
އޮޅޮތަކުގެ އިން ވަކިކުރަން ބޭނުންކޮށްފައި ހުންނަ ޓިނާއި، ކުޅި އާއި ޗަސްބިންތަކާއި އަތިރިމަތީގައި ހަދާފައިވާ ގިނަ ތަންތަނުގައި ކޮންކްރީޓް ނުވަތަ ދަގަނޑު ބޭނުންކޮށްފައިވާ މައްސަލަ އެވެ. މިއީ މިފަދަ ގުދުރަތީ ތަންތަން ރައްކާތެރިކޮށް އަދި ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ބޭއްވުމަށް އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ކޮންކްރީޓާއި ދަގަނޑުން ހަދާ ތަންތަން ކިތަންމެ ވަރުގަދަ ވިޔަސް، މި ފަދަ ތަންތަނަށް މިކަމުގެ ސަބަބުން ލިބޭނެ ގެއްލުންތައް ބޮޑެވެ. އަދި މިއީ ދުރު މުސްތަގުބަލަކަށް ބަލާއިރު ވެސް އެހާ ރަނގަޅު ކަމެއް ނޫނެވެ. މި ލިޔުމުގެ ބޭނުމަކީ މި ފަދަ ހުރިހާ ތަނެއްގައި މުޅިން ލަކުޑި ބޭނުން ކުރަންޖެހޭ ވާހަކައެއް ނޫނެވެ. އެހެން ނަމަވެސް މި ފަދަ ސަރަހައްދުތަކުގައި ކޮންމެހެން ހަދަން ޖެހޭ ނުވަތަ ބިނާކުރަން ޖެހޭ ތަންތަނުގައި ވީ ވަރަކުން ލަކުޑި ބޭނުން ކުރުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ސާބިތުކޮށްދިނުމެވެ.
ސައިންޓިފިކް ނަޒަރިއްޔާއަކުން މިކަން ކުޑަކޮށް ބަލާލަން ހިނގާށެވެ. ޗަސް ބިންތަކާއި އަތިރިމަތީގައި ލަކުޑި ބޭނުން ކުރުން މުހިންމު ވަނީ ތިމާވެށި ރައްކާތެރިކޮށް ބޭއްވުމަށާއި، މި ފަދަ ސަރަހައްދުތަން މުސްތަގުބަލަށްޓަކައި ވިސްނުންތެރި ކަމާއެކު ބޭއްވުމަށާއި މިފަދަ ސަރަހައްދުތަކާއި ގުޅޭ ގޮތަށް ތަންތަން ފަރުމާ ކުރުމަށާއި ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރެވޭނެތީ އެވެ.
މިފަދަ ސަރަހައްދުތަކުގައި ލަކުޑި ބޭނުން ކުރުމުގެ ސަބަބުން ޗަސް ބިން ފަދަ ތަންތަނުގެ އަޑިއަށް ލިބޭ ގެއްލުންތައް ކުޑަވާނެ އެވެ. އެއީ މި ފަދަ ތަންތަނުގައި، މަތިން ފެށިގެން ތިރިއަށް ހަދާ ތަންތަނުގެ (ތަނބުތަކާއި ބުޑު ފަދަ ތަންތަން) ސަބަބުން ބިންގަނޑަށް ނުވަތަ އަޑިއަށް ހިފާ ބާރު ކުޑަ ވާނެތީ އެވެ. ލަކުޑިން މިފަދަ ތަންތަން ހެދުމުގެ ސަބަބުން އިރުގެ އަލި ލިބުމަށާއި، ފަސްގަނޑާއި ގަސްގަހަށް ފެން ދެމިގެންދާ ގޮތް ފަހި ކުރެވޭނެ އެވެ. ލަކުޑީގެ ސްޓްރަކްޗާތައް އަތުރާލެވޭ ނުވަތަ ފަރުމާކުރާ ގޮތުގެ ސަބަބުން އިރުގެ އަލިކަން ނުލިބި ގަސްތައް މަރުވުމުން ސަލާމަތް ކޮށްދެ އެވެ. ކޮންކްރިޓުން މިފަދަ ތަންތަން ހެދުމުން ބަރު ތަނބުތަކާއި ތަންތަން ބިމު އަޑިއަށް ފެއްތުމަށް ނުވަތަ ބެހެއްޓުމަށް ބޮޑު ތަނެއް ކޮންނަން ޖެހެ އެވެ. އެހެން ނަމަވެސް ލަކުޑި ބޭނުން ކުރުމުގެ ސަބަބުން ތަނެއް ކޮންނަން ޖެހުނަށް ގަސްތަކުގެ މޫތަކަށާއި ބުޑަށް ލިބޭ ގެއްލުން ކުޑަވެ ފެން ދައުރުވުމަށް މަގުފަހިކޮށްދެ އެވެ.
ކޮންކްރީޓް ބޭނުންކޮށްގެން އަތިރިމަތީގައި އިމާރާތްކޮށްފައި ހުންނަ ތަންތަނަށް ފަޅައިގެން ދިއުން ފަދަ ކަންތައްތައް ދިމާވެ އެވެ. އެހެން ނަމަވެސް ލަކުޑިން ހަދާފައި ހުންނަ ތަންތަނުގައި، ލަކުޑިއަށް އޭގެ ޒާތުގައި އަންނަ ބަދަލު ކުޑަ އެވެ. އަތިރިމަތީގައި ލަކުޑިން ހަދާފައި ހުންނަ ތަންތަން ފުދޭވަރަކަށް ފިނިކޮށް ހުރެ އެވެ. ފެންވަރު ރަނގަޅު ލަކުޑި ބޭނުން ކޮށްފިނަމަ ޒަމާންތަކެއް ވަންދެން ހުންނާނެ އެވެ. މިސާލަކަށް ޚާއްސަ ކެމިކަލެއް ކަމަށްވާ ކްރޯމޭތެޑް ކޮޕާ އާސެނޭޓް (އޭސީޒެޑްއޭ) ލަކުޑީގައި ބޭނުން ކުރުމުން، ލަކުޑިގަނޑު ލޮނުގަނޑަށް ފައްތާފައި ހުއްޓަސް އެތައް އަހަރެއް ވަންދެން ވަރުގަދަކޮށް ހުރެ އެވެ.
ލަކުޑިއަކީ އަތިރިމަތީގައި ބޭނުންކުރަން "ފެހި" ޗޮއިސް އެކެވެ. ސައިންޓިފިކް ދިރާސާތަކުން ދައްކާ ގޮތުގައި ލަކުޑިއަކީ ފަސްގަނޑު ހިފަހައްޓައިދޭ އަދި ގިރައިގެން ދިއުން ކުޑަކޮށްދޭ އެއްޗެކެވެ. ހޫނު ގަދަ ތަންތަނުގައި ބޭނުން ކުރުމަށް ވެސް ރަނގަޅު އަދި އިކޯ ޓުއަރިޒަމަށް ވެސް ދެވޭ ސަޕޯޓެކެވެ.
ފިލިޕީންސްގައި މި އަހަރު ކުރި ދިރާސާއަކުން ހާމަވި ގޮތުގައި ޗަސްބިން ފަދަ ތަންތަނުގައި މީހުން ހިނގާބިގާވެ އުޅުމަށް ލަކުޑިން ހަދާފައި ހުންނަ ފާލަން ފަދަ ތަންތަނުގެ ސަބަބުން އެ ފަދަ ސަރަހައްދުތަކުގެ ދިރުންތަކަށް ގެއްލުމެއް ނުލިބި ހުރެ އެވެ.
މި ދިރާސާއިން އެނގުނު ގޮތުގައި ކޮންކްރީޓުން ބުޑު އަޅާފައި ހުންނަ ތަނުގެ އަޑި ބަދަލުވެފައި ވަނީ "މަރުގެ ޒޯނަކަށެވެ". އެހެން ނަމަވެސް ލަކުޑިން ހަދާފައިވާ ބުޑުތަކާއި ތަނބުތަކުގެ ސަބަބުން ފެން ދައުރު ވުމަށާއި އިރުގެ އަލި ލިބުމަށް މަގުފަހިވެ އެވެ.
އިންޑޮނޭޝިއާގައި 2024 އާއި 2025 ގައި ކުރި ދިރާސާއަކުން ދެއްކި ގޮތުގައި ލަކުޑިއާއި އޮނުން ހަދާފައި ހުންނަ ތަންތަނުގެ ސަބަބުން ތިމާވެއްޓަށް އެކަމުގެ ސަބަބުން ފައިދާ ކުރެ އެވެ. އެމެރިކާގެ "ޔޫއެސްޑީއޭ ފޮރެސްޓް ސާވިސް" އިން ހާމަކޮށްފައިވާ ގޮތުގައި ކޮންކްރީޓްގެ ސަބަބުން ޗަސްބިންތަކުގައި ހެދިފައި ހުންނަ ގަސްތަކުގެ މޫތައް މަރާލަ އެވެ.
އަތިރި މައްޗާއި ޗަސްބިންތަކުގައި ލަކުޑި ބޭނުން ކުރުމުގެ ސަބަބުން އިންސާނުން ބޭނުން ކުރާ ތަކެއްޗާއި ތިމާވެށި ރައްކާތެރި ކުރުމުގެ ބެލެންސެއް ގާއިމުކޮށްދެ އެވެ. ލަކުޑިއަކީ "ސޮފްޓް އިންޖިނިއަރިން" އަކަށް ވެފައި ތިމާވެއްޓާ ގުޅޭ އެއްޗެކެވެ. އަދި ލަކުޑި އަކީ ލުއި އެއްޗަކަށް ވުމުން މަތިން ތިރިއަށް ހަދާފައިވާ ސްޓްރަކްޗާ ނުވަތަ ތަންތަނުގެ ސަބަބުން ފަސްގަނޑަށް ލިބޭ ގެއްލުން ކުޑަ އެވެ. ލަކުޑިއަކީ ތިމާވެއްޓާއި ރައްޓެހި އަދި ތިމާވެއްޓަށް ހުރި ވަރަށް ބޮޑު ފައިދާއެކެވެ. ފެނާއި އަލި ލިބުމުގެ ސަބަބުން މި ފަދަ ނާޒުކު ރީތި ސަރަހައްދުތަކުގެ ދިރުންތައް ރައްކާތެރިކޮށްދެ އެވެ. އަދި މިއީ ހިތްގައިމު ކަމުގެ އިތުރުން، ސައިންޓިފިކް ގޮތުން ވެސް ރަނގަޅު ކަމެއް ކަން ސާބިތުވެފައިވާ ކަމެކެވެ.
ވީމާ، ފުވައްމުލަކުގައި އޮޅުތަކާއި ޗަސްބިންތަކާއި އަތިރިމަތީގައި ކޮންކްރީޓުން ކޮންމެހެން ހަދަން ޖެހޭ ތަންތަން ފިޔަވައި، އިތުރު ތަންތަން ހެދުމަށް ލަކުޑި ބޭނުން ކުރުމަކީ މުހިންމު ކަމެކެވެ. އަދި އޮޅުތަކުގެ "ބޯޑަރުތައް" ވަކިކޮށް، ފާހަގަކުރަން ޖަހާފައިވާ ޓިނުތައް ނަގާ ތިމާވެއްޓާއި ރައްޓެހި ގޮތަކަށް އެކަން ވެސް ބަދަލު ކުރަންޖެހެ އެވެ. އަތިރި މަތީގައި މީހުން އިށީދެ ތިބުމަށް ހަދާފައިވާ ތަންތަނާއި، "ހަޓުތަކާއި" މިފަދަ އެތައް ތަނެއް ލަކުޑިން ހެދިދާނެ އެވެ. މިއީ ކަމާ ބެހޭ ފަރާތްތަކުންނާއި އަދި ރަށު ރައްޔިތުން ވެސް ފުންކޮށް ވިސްނާލުން މުހިންމު ކަމެކެވެ.
އަތިރިމަތި ފަދަ ސަރައްދުތަކުގައި ލަކުޑި ބޭނުން ކުރުމުގައި އެންމެ ފާހަގަކޮށްލެވޭ ގައުމުތަކުގެ ތެރޭގައި ޑެންމާކް، އިނގިރޭސި ވިލާތް. ވިއެޓްނާމް އަދި ގުޔާނާ ހިމެނެ އެވެ. ޑެންމާކްގައި މިކަން މި ގޮތަށް ކުރަން ފަށާފައި ވަނީ 1830 އިން ފެށިގެންނެވެ. މީގެ އިތުރުން ތައިލެންޑާއި، އިންޑޮނޭޝިއާ، ޔޫއޭއީ، އޮސްޓްރޭލިއާ، ކެންޔާ އަދި ޓެންޒޭނިއާއަކީ ވެސް ފާހަގަކޮށްލެވޭ ގައުމުތަކެވެ.
ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ރަށް ގިރުމުން ދިމާވާ މައްސަލަތައް ކުޑަ ކުރުމަށް ލަކުޑި "ތަނބު" ބޭނުން ކުރެ އެވެ. މިގޮތަށް ހަދާފައި ހުންނަ ތަނބު ތަކަށް ކިޔަނީ "ޓިމްބާ ގްރޯން" އެވެ. މި މިއީ އަތިރިމަތީ ގެ "ދިފާއަށް" ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. ވެލި ޖަމާވެފައި ހުންނަ ތަންތަނުން އެ ވެލި ދަމައިގެން ނުދާ ގޮތަށް ހިފަހައްޓައި ދިނުން ފަދަ މުހިންމު ކަންތައްތައް މި ނިޒާމުން ކޮށްދެ އެވެ.
މި ހަގީގަތް މި ލިޔުނީ ފުވައްމުލައް ވަށައިގެން ލަކުޑި ބޭނުން ކުރަން ޖެހޭކަން ބަޔާން ކުރުމަކަށް ނޫނެވެ. ލަކުޑިއަކީ ވަރުގަދަ އަދި ޚާއްސަ ސިފަތަކެއް ލިބިފައިވާ އެއްޗެއް ކަމާއި ތިމާވެއްޓަށް ވަރަށް މުހިންމު އެއްޗެއްކަން ހާމަ ކުރުމަށެވެ. ރަށުގައި ވެސް ލަކުޑި ބޭނުން ކޮށްގެން ވަރަށް ގިނަ ތަންތަނާއި އެއްޗެހި އަދި ނިޒާމުތައް ވެސް ހެދިދާނެ އެވެ.
މި ލިޔުމަށް އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓު ލިޔުއްވާ!