ފުވައްމުލަކަކީ ބޮޑު ފަޅެއް ނުވަތަ ވިލެއް ފަދަ ތަނެއް ލިބިފައި ނެތް ރަށަކަށް ވިޔަސް، މިރަށުގެ މީހުންނަކީ ވަށައިގެންވާ ބިޔަ ކަނޑުގެ ބޭނުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިފަން ދަންނަ ކުޅަދާނަ މަސްވެރިންތަކެއް އުޅެމުންދާ ރަށެކެވެ. މާސިންގާ ކަނޑަށް އެއްލާލާފައި އޮންނަ ޖަވާހިރެއް ފަދަ މި ރަށަކީ ގުދުރަތީ ރީތިކަމުގެ އަޖައިބެއް ފަދަ ތަނެކެވެ.
މިރަށުގެ އާންމު މަސްވެރިކަމަކީ ކަންޏެއްޔާއި ކަޅުބިލަމަހުގެ ބާވަތްތަކާއި ފަރުކެޔޮޅުކަން ހިމެނޭ ގޮތުން ކުރާ މަސްވެރިކަމުގެ ބާވަތްތަކެވެ. އެހެން ނަމަވެސް މި ބާވްތަތަކުގެ މަސްވެރިކަމުން ބޭނޭ މަސް ބިނާވެފައި އޮންނަނީ މޫސުމާއި އަދި އެކި ކަހަލަ ހާލަތްތަކުގެ މައްޗަށެވެ.
ފުވައްމުލަކަކީ ކަންނެއްޔާއި އަދި ކަޅުބިލަހުގެ ބާވަތްތައް ރަށާއި މާ ދުރު ނޫން ހިސާބުތަކުން ބޭނުމުގެ ނަސީބު ލިބިފައި އޮންނަ ރަށެކެވެ. މީގެ އިތުރުން ކުރުމަސް ނުވަތަ ފުވައްމުލަކު ބަހުން ނަމަ ދިގިމަހާއި ކައްޓެޅި އަދި ހިބަރަކީ ވެސް މި ރަށުގެ މަސްވެރިން ފަރިތަކޮށް ބާނާ މަސްމަހެވެ.
އާންމުކޮށް ބާނާ މިފަދަ މަހުގެ ބާވަތްތަކުގެ އިތުރުން، ކަންނެލި އަދި ކަޅުބިލަ މަސް ލިބުން ތަދުވުމުން ފުވައްމުލަކު މީހުން އާންމުކޮށް ބާނާ އުޅޭ މީރު މަހެއްގެ ވާހަކަ އަޅުގަނޑު ލިޔާނަމެވެ. އެއީ ފުވައްމުލަކު ބަހުން "އަނކެރާ" ނަމަކަށް ކިޔާ މަހެކެވެ. މި މަހަށް އިނގިރޭސި ބަހުން ކިޔަނީ ސަބްރޭ ސްކްރެލްފިޝް (SABRE SQUIRRELFISH) އެވެ. މިއީ ރަތްކުލައިގެ ވަރަށް ރީތި މަހެކެވެ. އަދި ހަށިގަނޑުގެ ވިދުންކަން ގަނދަ މަހެކެވެ.
މި މަސް ބާނަން ދާނީ އިރުއޮއްސޭ ވަގުތުގަ އެވެ. ހަނދުގެ އަލިކަން ހުންނަ ދުވަސްވަރު މި މަސްވަރިކަން ވަރަށް ރަނގަޅު ކަމަށް ފާހަގަ ކުރެވެ އެވެ. ބޮއްކުރާއިން ނިކުމެގެން ގޮސް ރަށް ކައިރީގައި މަޑުކޮށްލުމަށް ފަހު 15 ނުވަތަ 20 ރާތާ ކަންވާރުގައި ބޭނުންކުރާނީ 12 ނުވަތަ 13 ނަންބަރު ބުޅި އެވެ. އެ މަކަށް ބޭނުންކުރާނީ ބަރަވެލި އެވެ. ބުޅީގެ މަތިން ދޮޅު ފޫޓެއްހާ ހިސާބުގައި 30 ގްރާމްގެ ބަރިއެއް އެލުވާފައި ވާނެ އެވެ.
ކަންވާރު ގާތްގަނޑަކަށް 5 ނުވަތަ 20 މީޓަރަށް ދޫކުރުމުން މި މަސް އެންކޮޅުގައި ހިފާނެ އެވެ. ބައެއް ފަހަރު ކަންވާރުގައި ދެ ބުޅި ބޭނުނުންކޮށްގެން ވެސް މި މަސް ބާނަ އެވެ. އަނކެރާ ގިނައިން އުޅޭނަމަ، ގާތްގަނޑަކަށް 30 ނުވަތަ 45 ފަސް މިނިޓްގެ ތެރޭގައި 50 އާއި 100 ދެމެދު ގެ އަދަދަކަށް މި މަސް ބޭނޭނެ އެވެ. އަދި މަސްވެރިން ބޭނުންވާ ވަރަށް މަސް ބޭނުމުން އެނބުރި ރަށަށް އާދެ އެވެ.
އަޅުގަނޑުމެން ކުޑައިރު 1980 ގެ މެދުތެރޭގައި އަޅުގަނޑުމެން ވަރަށް ގިނައިން އަޑުއަހަމެވެ. "އަނކެރާ ބާންނަ އެބަގެ". އެއީ މަސްވެރިން ނުވަތަ އަވަށްޓެރި ކެޔޮޅުން މި މަސް ބާނަން ދާ ވާހަކަ އެވެ. އަދި އިންތިޒާރު ކުރާނީ މި މީރު މަސް ބާނައިގެން އަންނާނެ ވަގުތަކަށެވެ. މަސް ބާނައިގެން އައުމުން މި މަހުން ކައްކާނީ ގަރުދިޔަ އެވެ. މި ގަރުދިޔަ އަކީ ވަރަށް މީރު އެއްޗެކެވެ. ކެއްކި އަލަ އާއި ކެއްކި ބަނބުކެޔޮ ނުވަތަ ބަތާއެކު މި ގަރުދިޔަ އިންސާފު ކޮށްލުމުން އެއީ އެންމެ މީރު އަދި ސިއްހަތަށް ފައިދާހުރި އެއް ކެއުމެވެ.
އަނކެރާ ނުވަތަ ރާވެރި މަހަކީ ރާއްޖޭގެ ތިލަ ފަރުތަކުގެ ބޭރުގެ މުރަކަތަކުގެ ކައިރީގައި އުޅޭ މަހެކެވެ. މިއީ ދިވެހި މަސްވެރިން ދަންނަ މަޝްހޫރު މަހެކެވެ. މި މަހުގައި ހުންނާނީ މަޑު ހަންގަނޑެކެވެ. އެހެން ނަމަވެސް ތަންކޮޅެއް ބޮޑެތި މަހުގައި ހަރު ހަންގަނޑެއް ހުއްޓަސް މިއީ ވަރަށް މީރު މަހެކެވެ. އެހެން ނަމަވެސް މި މަހުގައި ކަށި ގިނަވުމުން، ކެވޭނީ ވަރަށް ފަރިތަވެގެންނެވެ.
މި މަސް ގާތްގަނޑަކަށް ނުވަ އިންޗިއަށް ބޮޑުވެ އެވެ. އަދި އުޅެނީ 1 މީޓަރާއި 100 މީޓަރާއި ދެމެދުގެ ފުންމިނެއްގަ އެވެ. މި ސޮރުމެން ކައި އުޅެނީ ޑިނގާ އަދި ކަނކުނި ފާޑުގެ ސުއިއްޕެވެ. އެހެންނަމަވެސް ކުދި މަސް ވެސް ކައި އުޅެވެ. ރާއްޖޭގެ އެހެން ހިސާބުތަކުގައި މި މަހަށް ކިޔަނީ ރާވެރިމަހެވެ. ފުވައްމުލަކުގައި މި މަހަށް ތިން ނަމެއް ކިޔާ އުޅެ އެވެ. އެއީ ވައްޓި އަނކެރާއާއި، ދިއްތުނބު އަނކެރާއާއި ފަހަވެރަ އެވެ. ވައްޓި އަނކެރާގައި ހުންނާނީ ގާތްގަނޑަކަށް ހަ އިންޗި ނުވަތަ ހަތް އިންޗި އެވެ. ދިއްތުނބު އަނކެރާއަކީ ތަންކޮޅު ބޮޑުކޮށް ހުންނަ އަދި އަޑިއަށް ފަތްތައިގެން ބާނާ މަހެކެވެ. ފަހަވަރެއަކީ ތަންކޮޅެއް ބޮޑެތި ކޮށް ހުންނަ މި ބާވަތުގެ މަހަކަށް ކިޔާ ނަމެކެވެ.
ޒަމާން ބަދަލުވެ މަސްވެރިކަމުގެ ވައްޓަފާޅި ބަދަލުވެފައި ވާއިރު، މި މަސް ބޭނުމުގައި މިހާރު ބޭނުންކުރާނީ ވަދުފައްޗެވެ. ރޭގަނޑު ދިއްލޭ ގޮތަށް ހަދާފައިވާ ވަދުފަތީގެ ކޮޅުގައި ނުވަތަ ކަންވާރުގެ ކޮޅުގައި ހޫރާލެވޭ ގޮތަށް އަޅުގަނޑުމެން ބޭނުންކުރަނީ ފެންމަތީގައި އޮންނަ ކަހަލަ ވަކަރު ގަނޑެއް ނުވަތަ ކުޑަ ބޮއެކެވެ.
ދޮށި ހޫރާލުމާއެކު މި ބޮއެ ގޮސް ޖެހޭނީ ފެންމަތީގަ އެވެ. އަދި މަޑުމަޑުން ދޮށި ދަމާލުމުން، ވަދު ފަތިތައް ފެންމަތިން ނުވަތަ ފެނުގެ ތެރެއިން ދެމިގެން އަންނައިރު އަނކެރާ މި ވަދުފަރީގެ ފަހަތުން އައިސް ހިފާނެ އެވެ. ގާތްގަނޑަކަށް ފަހެއް ނުވަތަ ހަ ވަދު އާންމުކޮށް ބޭނުންކޮށް އުޅެ އެވެ. މިކަން ބިނާވެފައި އޮންނަނީ މަސްބާނާ މީހާގެ ފަރިތަކަމާއި އޭނާ ބޭނުންވާ މިންވެރެއްގެ މައްޗަށެވެ.
ދިގު ދޮށި ބޭނުންކޮށްގެން ފުވައްމުލަކު ތުނޑި ކޮޅުގައި ތިބެގެން ވެސް މި މަސްވެރިކަން ކުރެއެވެ. އެހެން ނަމަވެސް މިހާރު މިމަސްވެރިކަން ކުރަނީ ދިޔަވަރު ބޮޑުވުމުން ފަރުމަތީގައި ވަދުފަތި ދަމާ ނުވަތަ ދުވައްމުލަކު ބަހުން ނަމަ "ފަރޮގަނޑި ކެޑެ" ނުވަތަ "އެޅެވަނޑި" (ރާޅު ބިންދާލާ ހިސާބު) ގޮސް ވަދުފަތި ބޭނުންކޮށްގެންނެވެ. އަދި ފަރުގަނޑުގެ ކޮޅުގައި ތިބެ އަޑިއަށް ފަތްތައިގެންވެސް މި މަސް ބާނަ އެވެ.
މި ލިޔުމަށް އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓު ލިޔުއްވާ!