ކުޑައިރު، ފުވައްމުލަކުގައި ބޮޑެތި ރާޅުތައް ނަގާ ދުވަސް ދުވަހު ރަށުގެ "ނެރެގަނޑު" ފަންނުގައި އޮންނަ ނެރުގެ ދެފަރާތުން ހިނގާފައި ގޮސް ނުވަތަ ނެރުތެރެއިން ފަތާފައި ބޭރަށް ގޮސް ބިޔަ ރާޅުތަކުގެ ތެރެއަށް ވަދެ ކުރާ އާދަޔާ ޚިލާފު ކަމެއްގެ ވާހަކަ ލިޔާނަމެވެ. މިކަމަށް ކިޔާ އުޅެނީ "އެލެއިއެ ޖެއްސުމެވެ."
ނެރުގެ އަނގަމަތިން ބޭރުން ބޮޑެތި ރާޅުތައް ނަގައި ބިންދާލުމުގެ ކުރިން ރާޅު އޭގެ އެންމެ އުސްމިނަށް އުފެދިގެން ދާއިރު، އެ ރާޅުގެ ހަމައިސްކޮޅަށް ވާސިލްވާއިރު، އެ ރާޅުގެ އަޑިން ގޮސް މި އިސްކޮޅުގެ ތެރެއަށް ރާޅާއެކު މީހާ ތެދުވެ ހުންނަ ހުރުމަށް ކިޔާ އުޅެނީ "އެލެއިއެ ޖެއްސުމެވެ." މި ދަނޑިވަޅު ހޯދޭނީ ވަރަށް ހުށިޔާރު ވެގެންނެވެ.
ނެރެގަނޑުގެ ދެ ފަރާތުގައި ތިބެފައި އަޅުގަނޑުމެން ކަނޑަށް ފުންމާލައި ފަތައިގަންނަނީ ބޭރަށެވެ. ނެރުގެ އަނގަމަތިން ފެށިގެން ގާތްގަނޑަކަށް 150 ފޫޓް ދުރަށް ފަތާފައި ގޮސް މާ ކަނޑުން ބޮޑެތި ބާނިތައް އައިސް ރާޅަށް ބަދަލުވާ ހިސާބުގައި ރާޅުގެ އިސްކޮޅުގެ ތެރެއަށް ވަންނަން ތައްޔާރުވެގެން ތިބެނީ އެވެ. އެކި ކުދިންނަށް ތިބެވޭނީ އެކި ހިސާބުގަ އެވެ. އަދި އަޅުގަނޑުމެން މޫދުގައި ތިބޭ ތަން ބިނާވެފައި އޮންނަނީ ރާޅުތައް ނަގާ އަދި ބިންދާލާ ހިސާބުގެ މައްޗަށެވެ. މިއީ ފައިޖެހޭ ހިސާބެއް ނޫނެވެ. މި ހިސާބުގެ ފުންމިނުގައި ގާތްގަނޑަކަށް 30 ފޫޓް ހުންނާނެ އެވެ.
ބޭރުން ބޮޑު ބާންޏެއް ރާޅަށް ބަދަލުވެ، އެ ރާޅުގެ ފުރިހަމަ އިސްކޮޅު އަންނަ ވަގުތާ ދިމާކުރުމަށް ހުރިހާ ކުދިން ފަތައިގަންނާނެ އެވެ. ރާޅުގެ އިސްކޮޅު އަތުނުވާ ކުދިން ދެން އަންނަ ރާޅެއްގައި ޖެއްސޭތޯ ބަލަން މަސައްކަތް ކުރާނެ އެވެ. އަދި މިހެން ނަގާ ރާޅުގެ އިސްކޮޅުގެ ތެރެއަށް ނުވަދެވޭ ކުދިންގެ ބޯމައްޗަށް ރާޅު ބިންދާލާ ވަގުތު އެ ކުދިން ކުރާ ކަމަކީ ރާޅު ބިންދާލުމުގެ ކުރިން އެ ރާޅުގެ އަޑިއަށް ފީނައިގަންނަނީ އެވެ. އެ ކުދިން ވެސް ދެން އަންނަ ރާޅެއްގައި ނުވަތަ އެހެން ރާޅެއްގައި "އެލެއިއެ ޖައްސާނެ"އެވެ.
ފުވައްމުލަކަކީ ރާއްޖޭގައި އެންމެ ބޮޑެތި ރާޅު ނަގާ އެއް ރަށަށް ވާނެ އެވެ. ނެރެގަނޑުން ބޭރުން ނަގާ ބޮޑެތި ރާޅުތަކުގައި ބޮޑެތި ރާޅު ނަގާ ދުވަސްތަކުގައި ބޮޑެތި ރާޅުތަކުގައި އެވެރެޖްކޮށް 10 ފޫޓް ހުންނާނެ އެވެ. އަދި ބައެއް ރާޅުތައް މިއަށް ވުރެ ވެސް ބޮޑެވެ.
ރާޅުތަކުގެ ތެރޭގައި މި ގޮތަށް އުޅުމަކީ އަޅުގަނޑުމެންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ ކަމެކެވެ. އަދި ރާޅުގެ ފުރިހަމަ އިސްކޮޅުގެ ތެރެއަށް ވަދެވި، ދެ އަތް މައްޗަށް ހިތްލާލެވޭ އިރު، ފޮޓޯ ނަގާ މީހަކަށް އަޅުގަނޑުމެން ކުދިން ފެންނާނީ ރާޅުތަކުގެ ތެރޭގައި ކޮޅަށް ތިބޭ ބައެއްގެ ގޮތުގަ އެވެ.
މިހެން ބޮޑެތި އެތައް ރާޅެއްގެ ތެރޭގައި އަޅުގަނޑުމެން ހަރަކާތެރިވަމެވެ. މި ގޮތަށް އުޅޭއިރު އަބަދުވެސް ތިބޭނީ ފެންމަތީގައި ނުވަތަ ބިންދާލާ ރާޅުން ސަލާމަތްވުމަށް އަޑިއަށް ފީނައި، މައްޗަށް އަރައި އެކި ކޮޅުކޮޅަށް ފަތައި، ހަށިގަނޑުގެ ބާރު ދޫކޮށްލައިގެން ފެންމަތީގައި އޮތުން ފަދަ ކަންތައްތަކުގަ އެވެ. "އެލެއިއެޖެއްސުމަށް" ފަހު ގާތްގަނޑަކަށް ގަޑިއެއް ދެ ގަޑި އިރު ވުމުން، ދެން މިސްރާބު ޖަހަނީ އެއްގަމާ ދިމާލަށެވެ.
ރަށާދިމާލަށް ދިއުމަކީ ބިރުވެރިކަމުން ފުރިގެންވާ ކަމެއް
އަޅުގަނޑުމެން ނެރެގަނޑުގެ އަނގަމައްޗާ ދިމާލަށް ފަތައިގަންނަން ވިސްނާއިރު، ބޭރުން ނަގާ ބޮޑެތި ބާނިތައް ރަށުގެ ފަރުގަނޑު (ފުއްޓަރު ބޭރު) މައްޗަށް ބިންދާލާ މަންޒަރު ވެސް ފެންނާނެ އެވެ. އަދި ފަތައިގަންނާނީ އަޅުގަނޑުމެން ތިބޭ ހިސާބާއި ނެރުގެ އަނގަމައްޗާއި ދެމެދަށް އަމާންކަން އައުމުންނެވެ. މި ވަގުތަށް ފުވައްމުލަކު ބަހުން ކިޔާނީ "ވަރޮދެރެފި" މިހެންނެވެ. އެއީ ބޭރުން ރަށާ ދިމާލަށް އަންނަން ބޮޑު ބާންޏެއް ނުވަތަ ރާޅެއް އެ ވަގުތަށް ނެތުމެވެ. އަދި ބިންދާލާ ރާޅުތަކުގެ ބިރުވެރިކަމުން ވެސް ސަލާމްވެފައިވާ ވަގުތެކެވެ.
އެހެން ނަމަވެސް މި ވަގުތަކީ އެހާ ގިނައިރު ވަންދެން ހަމަހިމޭން ކަމުގައި އޮންނަ ވަގުތެއް ނޫނެވެ. މިތަން ހިނދުކޮޅަށް މަޑުވެފައި އޮތަސް، ކޮންމެ ވަގުތަކު ވެސް އެ ތަން ރާޅުތަކުގެ ކިއްލާއަކަށް ބަދަލުވުމުގެ ފުރުސަތު އޮވެ އެވެ.
ރާޅުތައް ކޮންމެވެސް ވަރަކަށް މައިތިރިވުމުން އަޅުގަނޑުމެން ފަތައިގަންނާނީ ނެރެގަނޑުގެ ބޭރު ފަރުގަނޑު މައްޗާ ދިމާލަށެވެ. ނެރެގަނޑަށް ފައިބާއިރު، އަޅުގަނޑުމެންގެ ކަނާތްފަޅި އަށް ވާގޮތަށް ނެރުގެ ކޮޅުގައި މާކަނޑާ ދިމާލަށް ނިކުމެފަ ހުންނަ ދިގު ތަންގަނޑެއް، އަޅުގަނޑުމެންގެ ބަހުރުވައިން ނަމަ "ދިގިފަރޮގަނޑޮ" ހުރެ އެވެ. މިއީ ރާޅު ނަގާ ހިސާބު ނުވަތަ "ރީފް ފްރޮންޓް" އާއި ގުޅިފައިވާ 20 ވަރަކަށް ފޫޓުގެ ކޮރަލް ގަނޑެކެވެ. މިއީ ދިޔަވަރު ކުޑައިރު ބައެއް ފަހަރު ފެނުން މައްޗަށް ވެސް އަރާފައި ހުންނަ ތަންގަނޑެކެވެ. ފަތާފައި އަންނަ ކުދިން ބަލާނީ ވީހައި ވެސް އަވަހަކަށް އެ ފަރުގަނޑުގެ ކޮޅަށް ގޮސް ފައި ޖައްސާލެވޭތޯ އެވެ. އޮއިވަރު އަދި ރާޅުތަކުގެ އަސަރު ހުންނަ ގޮތުން ބައެއް ފަހަރު ސީދާ އެ ފަރުގަނޑު އަތު ނުޖެހި ދެ އެވެ.
ފަތާފައި ގޮސް މިތަނާ ހަމައަށް ދެވޭނީ ގާތްގަނޑަކަށް 20 ނުވަތަ 30 ވަރަކަށް މިނެޓުންނެވެ. މިއީ ކަނޑުގައި ހޭދަކުރާ ވަގުތަށް ބަލާއިރު ވަރަށް ބުރަ އަދި ގިނަ ވަގުތެކެވެ. މި ގާގަނޑާ ކައިރިވާއިރު، ބައެއް ފަހަރު ބޭރުން ބިޔަ ބާނިތައް އުފެދި ބިންދާލާ ރާޅުތަކުގެ ދަށުވެ އެވެ.
މިފަދަ ރާޅުތައް ނަގަން ފެށުމުން އަޅުގަނޑުމެން ކުރާކަމަކީ ޕްރޮފެޝަނަލް ރާޅާ އެޅޭ މީހުން ވެސް ކަންކުރާ ގޮތަށް ރާޅުތަކުގެ އަޑިއަށް ފީނަނީ އެވެ. އަދި ރާޅުގެ ބާރު ހިނގައްޖެކަން އެނގުމުން އަނެއްކާ ފަރުގަނޑާ ދިމާލަށް ފަތައި ގަންނަނީ އެވެ.
ބައެއް ފަހަރު މި ގޮތަށް އެތައް ރާޅެއްގެ އަޑިއަށް ފީނަން ޖެހެ އެވެ. މިގޮތަށް ކަނޑުގެ އޮޔާއި އަދި ރާޅުތަކުގެ ބާރާ ދެކޮޅަށް ފަތާފައި ނުވަތަ ފެނުގެ އަޑިއަށް ފީނަމުން ބޯމަތިން އަންނަ ރާޅުތަކުން ސަލާމަތްވުމަށް ފަހު، ދިގިފަރޮގަނޑޮގައި ފައި ނުޖެއްހިއްޖެ ނަމަ، ދެން ޖެހޭނީ ރާޅު ނަގާ ސަރަހައްދުގައި، މާކަނޑާ ދިމާލަށް ފުއްޓަރުގައި ހުންނަ ފުން ވަޅު (ފުވައްމުލަކު ބަހުން ހޯކާވަޑޮ) ތައް ހުރަސްކޮށް ރަށުގެ ފަރުމައްޗަށް މައްޗަށް ފަތާފައި އަރާށެވެ.
ރަށަށް އަރަން އެންމެ ފަސޭހަ ގޮތަކީ ދިޔަވަރު ކުޑަ ދުވަސްވަރު ކަނޑު މަޑުކޮށް އޮންނަ އިރު، ފަތާފައި ގޮސް ދިގުފަރުގަނޑު ކޮޅަށް ފޭބުމަށް ފަހު ފަރުމަތިން އެއްގަމާ ދިމާލަށް ދުއްވައިގަތުމެވެ. އެހެން ނަމަވެސް ދިޔަވަރު ކުޑައިރު ވެސް މިތަނުގައި ދެ ފޫޓެއްހާ ހިސާބަށް ލޮނުގަނޑު އޮންނާނެ އެވެ. އަދި ދުއްވާ ގަންނައިރު ބައެއް ދުވަސް ދުވަހު ފަހަތުން އަންނަ ރާޅުތަކުގެ ދަށުވެ ކުރަންޖެހޭ މަސައްކަތްތައް އުނދަގޫވެ އަނިޔާ ވެސް ލިބެ އެވެ.
ބައެއް ފަހަރު ބިންދާލާ ރާޅުގެ ބާރަށް، ފުއްޓަރުގެ ކޮޅުގައި ތިބެފައި ފަރުމަތިން ދުއްވައިގަންނަން ތައްޔާރުވެގެން ތިބޭ ކުދިން ރާޅުތަކުގެ ބާރައިއެކު ފަރުމައްޗަށް ގެންދެ އެވެ. އެއީ ވެސް ހިތްހަމަޖެހުކެވެ. އިތުރަށް ފަތަން ނުޖެހި، ފައިޖެހޭ ހިސާބަށް ދެވޭތީ އެވެ. ދެން މަޑުމަޑުން ހިނގާފައި އެއްގަމަށް ދަނީ އެވެ.
މި ފަރުގަނޑުގެ ކޮޅުގައި ހުރެފައި ދުއްވައި ގަންނައިރު ރާޅެއް ބިންދާލައިފިނަމަ، އަޅުގަނޑުމެން އާންމުކޮށް ކުރާ ކަމަކީ ނެރު ތެރެއަށް ފަތާފައި ދެމިގަންނަނީ އެވެ. ބިންދާލާ ރާޅުން ފަރުމައްޗަށް އެއްލާލުމަށް ވުރެ ނެރު ތެރެއަށް ފުންމާލުން ބައެއް ފަހަރު އަދި މާ ބިރުވެރި އެވެ. އެއީ ނެރު ތެރޭގައި ވަރަށް ބާރު އޮއިވަރެއް ވަރަށް ގިނަ ފަހަރު އޮވެ އެވެ. މި ފަދަ އޮއިވަރެއް އޮވެއްޖެނަމަ އަޅުގަނޑުމެން ކުރާ ކަމަކީ، ނެރުތެރެއަށް ވަނުމުގެ ބަދަލުގައި، ފަތާފައި ގޮސް ނެރުގެ ކޮންމެވެސް އެއް ފަޅިއެއްގެ ބޭރަށް އަރަނީ އެވެ. އަރާނެ ފަޅިއެއް ބިނާވެފައި އޮންނަނީ އޮއެވަރު އޮންނަ ގޮތަކުންނެވެ.
ނެރު ތެރެއިން ފަތާފައި އެއްގަމާ ދިމާލަށް ދާނީ ނެރު ތެރޭގައި އޮއެ ނެތް ނަމަ އެވެ. ނެރުގެ ކޮޅުގެ ބޭރުގެ ދެފަރާތަށް ފަތާފައި ގޮސް ފަރުމައްޗަށް އެރުމަކީ ރާޅު ނަގާ ދުވަހެއް ނަމަ ކުރަން ފަސޭހަ ކަމެއް ނޫނެވެ. އެއީ ބިންދާލާ ރާޅުތަކުގެ ތެރޭގައި އެކި ކޮޅުކޮޅަށް ފަތަމުން އަދި އަޑިއަށް ދަމުން ރާޅު މައިތިރި ވުމުން ކޮންމެވެސް އެއްކޮޅަކަށް ފަތާފައި ދާން ޖެހޭތީ އެވެ.
މިކަމުގައި ފާހަގަކޮށްލަން ޖެހޭ ކަމަކީ އަޅުގަނޑުމެން ފުންމާލަނީ ދިވެހިރާއްޖޭގައި އެންމެ ގޮތް ނޭނގޭ އަދި އެންމެ ނުރައްކާތެރި އެއް ކަނޑު އޮންނަ ފުވައްމުލައް ބޭރަށެވެ. އޭރު އަޅުގަނޑުމެން އުމުރުން އެންމެ 12 ނުވަތަ 13 އަހަރުގައި މި ތަންތަނަށް ފުންމާލަނީ އެއްވެސް ޖެހިލުމެއް އަދި ބިރެއް ނެތި އެވެ. އެ ދުވަސްވަރު އެކި ނަންނަން ކިޔާ ބޮޑެތި ހެމަހެޑް ޝާކާއި ޓައިގަ ޝާކް ތިބޭ ކަމެއް އަޅުގަނޑުމެންނަކަށް ނޭނގެ އެވެ. އެހެން ނަމަވެސް އޭރު ވެސް އަޅުގަނޑުމެން ފެންމަތީގައި މިގޮތަށް ހަރަކާތެރިވިއިރު މި ބޮޑެތި މިޔަރުތަކާއި ބޮޑެތި މަސްތައް އޭރު ވެސް އުޅުނެވެ. އޭރު އަޅުގަނޑުމެން ކަނޑުގައި ހަރަކާތްތެރިވި ގޮތް އެއީ މިޒަމާނުގެ "މެރިންސް" ނުވަތަ ގައުމުތަކުގެ ޚާއްސަ ސިފައިން ވެސް ބައެއް ފަހަރު ނަހަދާ ވަރުގެ ހަރަކާތްތަކެއް ނުވަތަ ތަމްރީންތަކަކަށް ވެދާނެ އެވެ.
މި ލިޔުމަށް އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓު ލިޔުއްވާ!