ފުވައްމުލަކު ފަރު ކައިރީގައި މީހަކު ފެމުނު މިޔަރެއް ކައިރިއަށް ޑައިވްކުރަނީ. ފޮޓޯ: ޕެލަޖިކް ޑައިވާސް ފުވައްމުލައް
📷އަބްދުﷲ ޖަމީލު
ފުވައްމުލަކު ފަރު ކައިރީގައި މީހަކު ފެމުނު މިޔަރެއް ކައިރިއަށް ޑައިވްކުރަނީ. ފޮޓޯ: ޕެލަޖިކް ޑައިވާސް ފުވައްމުލައް
އަބްދުﷲ ޖަމީލު📷
ކުޑައިރު ފުވައްމުލަކުގައި އަޅުގަނޑުގެ ލޯބިވާ ބޮޑުބެ ޏ.ފުވައްމުލަކު އާބާދުގެ އަލްމަރްހޫމް އަބްދުﷲ ރަފީގް އާއެކު މަހައް ނުދާ ދުވަހެއް ނަމަ އަބަދުވެސް ބޭބެގެ ބޮއްކުރާ ލަފާ ވަގުތަށް އަތިރިމައްޗަށް ދިއުމަކީ އަޅުގަނޑާއި އަޅުގަނޑުގެ އެކުވެރި ކުދިންގެ އާދައެކެވެ. އަޅުގަނޑުމެން ބޮއްކުރާ ލަފާ ވަގުތަށް ނެރެގަނޑޮ އަތިރިއަށް ދަނީ ބޮއްކުރާ ހަރުގެއަށް ނުވަތަ ދޮންވެލިގަނޑު މައްޗަށް އެރުވުމަށްޓަކައި ބޮއްކުރާގެ ދެކޮޅުގައި ހިފާ އެހީތެރިވެ ދިނުމަށެވެ.
މީގެ 30 އަހަރު ކުރިން، އެއް ދުވަހު އަޅުގަނޑާއި އަޅުގަނޑުގެ އެކުވެރިން މެންދުރުގެ ވަގުތެއްގައި މި ގޮތަށް ބޮޑު ބޭބެގެ ބޮއްކުރާ ނެރެގަނޑަށް ލަފާތީވެ އެ ފަންނަށް ދިޔައީމެވެ. ބޮއްކުރާ ނެރުން ވަދެގެން އައި އިރު އަޅުގަނޑުމެން ތިބީ ފަޓުލޫނުގެ ފައިކުރި އޮޅައިގެން ރާޅުޖަހައި ހިސާބުގައި ބޮއްކުރާ އެހެލުމަށް ތައްޔާރުވެގެންނެވެ. އަޅުގަނޑުމެން ބޮއްކުރާ އަށް ނެރު ތެރެއިން ވަދެގެން އައިތަން ބަލަހައްޓައިގެން ތިއްބާ ބޮއްކުރާގެ އެއްފަރާތުގައި އައްސާފައި އޮތް ބޮޑު އެއްޗަކާ ދިމާލަށް ހުރިހާ ކުދިން އިނގިލި ދިއްކޮށްގެން އެއީ ކޯއްޗެއްތޯ ސުވާލުކުރަމުން ދިޔަ އެވެ.
ބޮއްކުރާ އައިސް ބީއްސައިލުމުން އެއީ ކޯއްޗެއްތޯ ބޮޑުބޭބެމެން ކައިރި ސުވާލު ކުރުމުން، އެއީ ފެމުނު މިޔަރެއް (ޓައިގާ ޝާކް) ކަމަށް ބުންޏެވެ. މިޔަރުގެ ބޮޑުމިނުގައި ގާތްގަނޑަކަށް 14 ފޫޓު ހުންނާނެ އެވެ. އަދި މިޔަރަށް ރަނގަޅަށް ބަލައިލުމުން އެއީ މަރުވެފައި އޮތް އަންހެން މިޔަރެއްކަން ވެސް އެނގެ އެވެ.
އަތިރިމަތީގައި ތިބި އެންމެން ވެގެން ބޮއްކުރާގެ އެއްފަރާތުގައި އައްސާފައި އޮތް އެ ބޮޑު މިޔަރު ނަގާ ދޮންވެލި ގަނޑުމަތީގައި ބޭއްވުމަށް ފަހު، ބޮއްކުރާއިން މަހަށް ދިޔަ މަސްވެރިއަކު ބޮޑު ވަޅިއެއް ހިފައިގެން އައިސް އެ މިޔަރުގެ ބަނޑު ފަޅާލައިފި އެވެ. އަދި ބަނޑުތެރެއަށް އަތް ކޮއްޕާލުމަށް ފަހު 12 ޅަ މިޔަރު އޭތީގެ ބަނޑު ތެރެއިން ނެގި އެވެ.
ގާތްގަނޑަކަށް ދެ ފޫޓު ބައި ހުރި ކުދި އެ މިޔަރުތައް ތިބީ މަރުވެފައެއް ނޫނެވެ. ދޮންވެލި ގަނޑުގައި އެ ކުދި މިޔަރުތައް ބޭއްވުމުން ތެޅިގަނެ އެވެ. އަދި މި މަންޒަރު ފެނިފައި އަޅުގަނޑުމެން ހައެއްކަ ކުދިން ވެގެން އެ ޅަ މިޔަރުތައް ނެރު ތެރެއަށް ދޫކޮށްލުމުގެ މަސައްކަތް ފެށީމެވެ. އަޅުގަނޑުމެން ތިބީ މޫދަށް ފައިބާ ގޮތަށް ތައްޔާރު ވެގެންނެއް ނޫނެވެ. އެހެން ނަމަވެސް އެ ޅަ މިޔަރުތައް ފެނުމުން ކުރެވުނު އާދަޔާޚިލާފު އިހުސާސްތަކެއްގެ ސަބަބުން، އެ މިޔަރުތައް ކަނޑަށް ދޫކޮށްލުމަށް ނެރުގެ ތެރެއަށް ފޭބީ އެވެ.
އެ މިޔަރުތައް މޫދުގެ ތެރެއަށް ދޫކޮށްލުމުން، ފެނުގައި ހަމަޖެހޭ އިރަށް އެ ސޮރުމެން ދުއްވައިގަނެ އެވެ. އަދި އެކި ކޮޅުކޮޅަށް ދުވެފައި، ބައެއް ފަހަރު އަޅުގަނޑުމެންނާ ދިމާލަށް ވެސް އާދެ އެވެ. އަޅުގަނޑުމެންނާ ދިމާލަށް އަންނައިރު އަޅުގަނޑުމެން ކުޑަކޮށް ބިރުވެސް ގަނެ އެވެ. ދަތް އަޅާފާނެތީ އެވެ. އެ ސޮރުމެން ނެރުގެ ދެ ފަރާތަށާއި އެއްގަމަށް ދުވެފައި އަންނާތީވެ އަޅުގަނޑުމެން ކުރި ކަމަކީ އެ މިޔަރުތައް ވަކިވަކިން ނަގައިގެން ގޮސް ނެރުގެ އަނގަމައްޗަށް ވާ ގޮތަށް ކަނޑަށް ދޫކޮށްލައި އެ ހުރިހާ މިޔަރެއް މާކަނޑާ ދިމާލަށް މިސްރާބު ޖެހުމުން ހުރިހައި ކުދިން އެއްގަމަށް އައީ އެވެ.
އެއީ މީގެ 30 އަހަރު ކުރި އެވެ. އޭރު މިޔަރު ބޭނުމަކީ މަނާކަމެއް ނޫނެވެ. މި ހާދިސާ، މިހާރު ފުވައްމުލަކަށް މުޅި ދުނިޔެއަށް ޚާއްސަވެ މަޝްހޫރުވެފައިވާ ކަމަކާ ވަރަށް ބޮޑަށް ގުޅިފައިވެ އެވެ. އެއީ ފުވައްމުލަކުގެ ޓައިގަ ޝާކްގެ ވާހަކަ އެވެ. ޓައިގަ ޝާކަށް މުޅި ދުނިޔެއިން ވެސް އެންމެ ޚާއްސަ އެއް ރަށަކީ މިހާރު ފުވައްމުލަކެވެ.
އެ ދުވަހު އެ ބޮޑު މިޔަރު ރަށުގެ އަތިރިމައްޗަށް އަރުވައި އޭތީގެ ބަނޑު ފަޅާލީ، އަޅުގަނޑުމެންގެ ޒަރޫރީ ބޭނުމަކަށެވެ. ބަނޑުފުރާނަ މުއްތި ކުރުމަށެވެ. އަދި އެ ސޮރުގެ ބަނޑު ތެރޭގައި ތިބި ޅަ މިޔަރުތައް މާކަނޑަށް ދޫކޮށްލި ވަގުތު އަޅުގަނޑުމެންނަށް އިސުސާސް ކުރެވުނީ ގުދުރަތުގެ ފުރިހަމަ ނިޒާމްގެ ތެރޭގައި އެ ކުދި ކުދި މިޔަރުތައް އެ ސޮރުމެންގެ މިނިވަން މާހައުލުގެ ތެރެއަށް ދެމިގަނެގެން ދިޔަލެއް ފުރިހަމަ ކަމެވެ.
އެ ފަދަ ޅަ މިޔަރުތައް ދުނިޔެއަށް ނާވާލަނީ މާކަނޑަށެވެ. ކަނޑުގެ ލޮނުގަނޑުގެ ތެރެއަށެވެ. އެހެން ނަމަވެސް އެ ޅަމިޔަރުތައް ދުނިޔެއަށް ނޭވާލީ ދޮންވެލި ގަނޑެއްގެ މައްޗަށެވެ. އެ މިޔަރުތައް ހިކިފަސްތަނަކަށް ނޭވާލިކަމުގައި ވިޔަސް، އެ ސޮރުމެންގެ އަސްލު މާހައުލު ވަގުތުން ދަނެގަނެ މާ ކަނޑަށް ދަތުރުކުރީ ކަނޑުގެ އަޑީގެ އަޖައިބެއް ފަދަ ރީތިކަމާއި އަޅުގަނޑުމެންނަށް ނުފެންނަ އެތައް ދިރުންތަކާއި ވަންހަނާވެގެންވާ އެތައް ކަންތައްތަކެއް އަހަރެމެންގެ ވަށައިގެންވާ މާސިންގާ ކަނޑުގައި ވެސް ޚާލިގްވަންތަ މާތްﷲ ލައްވަވާފައި ވާތީވެ އެވެ. އަދި މި މުޅި ނިޒާމުގެ ވެސް ފުރިހަމަ ކަމުންނެވެ.
އެ މިޔަރުތައް ދިޔައީ ކަނޑުއަޑީގެ އެފަދަ ދެވަނައެއް ނެތް ރީތި އަދި ފުރިހަމަ ދިރުންތަކެއް ލިބިގެންވާ އަޅުގަނޑުމެން ރަށް ފުވައްމުލަކުގެ މާސިންގާ ކަނޑަށެވެ. މިފަދަ އެތައް ވައްތަރެއްގެ މިޔަރަކާއި މަސްމަހާމެހީގެ ވެއްޓެއްގެ ތެރެއަށެވެ.
އޭރު އެ މިޔަރަކީ ދުނިޔޭގައި ނަން މަޝްހޫރު ވާނެ ނުވަތަ އެ މިޔަރުގެ ސަބަބުން ފަތުރުވެރިން އެ މިޔަރެއް ބަލަން ފުވައްމުލަކަށް އަންނާނެ ކަމެއް އަޅުގަނޑުމެންނަށް ކުޑަކޮށް ވެސް އިހްސާސްކުރެވިފައެއް ނެތެވެ.
ކޮންމެއަކަސް އެ ދުވަހު ބޮއްކުރާއިން ރަށަށް ގެނައި އެ ބޮޑު މިޔަރަކީ މަޝްހޫރު ޓައިގަ ޝާކެކެވެ. އަޅުގަނޑުމެން ކުދިންނަށް އޭރު އެ އޮތީ ޓައިގަ ޝާކެއް ހަމަލޮލުން ބަލާލަން ފުރުސަތު ލިބި، އަދި އަންހެން ޓައިގަ ޝާކެއްގެ ބަނޑުގައި ތިބި މިޔަރުތަކެއް މިނިވަންކޮށް މާކަނޑަށް ދޫކޮށްލުމުގެ ނަސީބާއި ފަޚުރު ލިބިފަ އެވެ. މިއީ އަޅުގަނޑުމެން އެންމެން މިހާރު ފަޚުރުވެރިވާ ޓައިގަ ޝާކެވެ.
ފެމުނު މިޔަރަކީ މިޔަރުގެ ތެރެއިން އެންމެ ބޮޑު މިޔަރެވެ. މި މިޔަރަށް ކިޔާ ސައިންޓިފިކް ނަމަކީ Galeocerdo cuvier އެވެ. މި މިޔަރު 7.4 މީޓަރަށް ބޮޑުވެ އެވެ. އަދި މިޔަރު އެންމެ ބޮޑެތި ވާއިރު އެސޮރުމެންގެ ބަރުދަން 900 ކިލޯ އަށް އަރަ އެވެ. މިއީ އެތެރެވަރީގެ ކަނޑުތަކާއި މާކަނޑުގައި އުޅޭ މިޔަރެކެވެ.
މި މިޔަރަކީ ވަރުގަދަ ދަތްތަކެއް ލިބިފައިވާ މަހެކެވެ. މިސޮރުމެންގެ ކާނަގެ ތެގޭގައި އެކި ބާވަތްތަކުގެ މިޔަރާއި، މަޑިއާއި، ވެލައާއި، ކަހަނބާއި، ބޯވަދިލަ މަހާއި، ބޮލީގެ ބާވަތްތަކާއި ކަކުނި އަދި ޑިނގާގެ ބާވަތްތައް ހިމެނެ އެވެ. ފެމުނު މިޔަރަކީ ކަނޑުގައި އޮޔާދާ ކުނިބުނި އެއްޗެހީގައި ވެސް ހިފާ ދިރުވާ ކަމަށްވެ އެވެ.
މި މިޔަރުގެ ނިގޫފަތާ ދިމާ ދެއަރިމަތީގައި ކުރަގަނޑެއް ހުރެ އެވެ. މިޔަރުގެ ތުން ކުރުވެފައި ބޯ ވަށްވާނެ އެވެ. ފެމުނު މިޔަރެއް ވިހާ ފަހަރަކު 10 އަކާއި 82 އާއި ދެމެދު އަދަދަކަށް ޅަ މިޔަރު ވިހަ އެވެ. އަދި ވިހާ މިޔަރުގައި 51 ސެންޓި މީޓަރާއި 76 ސެންޓި މީޓަރު ހުރެ އެވެ. މި މިޔަރުގެ ބުރަކަށި މަތީގެ ކުލައަކީ ގަދަ އަޅި މުށިކުލަ އެވެ. ބަނޑުދަށް ފަރާތުގެ ކުލައަކީ ހުދުކުލަ އެވެ. އަދި ހަށިގަނޑުގެ ހުރަހަށް ކަޅުކުލައެއްގެ ފުޅާ ރޮނގުތަކެއް ފަނޑުކޮށް ހުރެ އެވެ. ނިގުލުގެ މަތީބައިގައި ކަޅުކުލައިގެ ލަތްތަކެއް ހުރެ އެވެ.
މި ލިޔުމަށް އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓު ލިޔުއްވާ!